ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ހެދި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ކުލި ކުޑަކުރުމަށް، ރައީސް އޮފީހާއި މާލޭ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު މަޝްވަރާތަކެއް ބާއްވަން ނިންމައިފި އެވެ.

އެކަން ހާމަކުރެއްވީ، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މޭޔަރު ވަނީ މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. މިރޭގެ ޕްރެސްގައި މޭޔަރު ހިއްސާކުރެއްވީ ރައީސް އާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކެވެ.

މުއިއްޒު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ހިޔާ ފްލެޓުގެ ކުއްޔާ ގުޅޭ މަޝްވަރާތައް ކަމަށެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށް އެޗްޑީސީ އިން ވަނީ ކަނޑައަޅައިފަ އެވެ.

މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ކުރަންޖެހެނީ ފްލެޓު ލިބުނު ފަރާތްތަކުން ކަމަށްވާއިރު، ކުއްޔަށް 8500 ދެއްކުމަކީ ރައްޔިތުންނަށް ބުރައަކަށް ވާނެ ކަމަށެވެ. މުއިއްޒު އަންދާޒާކުރައްވާ ގޮތުން، ފިނިޝިން އަށް ދެ ލައްކައެއްހާ ރުފިޔާ ހަރަދުވާނެ އެވެ. މުއިއްޒު ވިދާޅުވީ އެއީ ރައްޔިތުންންށް ބޮޑު ހަރަދަކަށް ވާނެކަން ރައީސަށް މިއަދު ދަންނަވާފައި ވާނެ ކަމަށެވެ.

އެހެންކަމުން ފިނިޝިން އަށް ރައްޔިތުންގެ އަތުން ހަރަދުވާ މިންވަރު، ފްލެޓުތަކުގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި ކުޑަ ކުރުމަށް މިއަދު މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ. މުއިއްޒު ވިދާޅުވީ، ހުށަހެޅުންތަކަށް ރައީސްގެ ފަރާތުން އުންމީދީ ޖަވާބު ލިބުނު ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލާއި، އެޗްޑީސީ އަދި ރައީސް އޮފީހުން، ހިޔާ ފްލެޓުތަކުގެ ކުއްޔާ ގުުޅޭގޮތުން އެކުގައި މަޝްވަރާއަށް އިށީނދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކަށް ފައިދާއާ އެކު މަހަކު 5600 ރުފިޔާ ނަގައިގެން ދެކޮޅު ޖެއްސޭނެ ކަމަށް، ކުރިން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު އަބަދުވެސް ވިދާޅުވެ އެވެ.

މުއިއްޒު ވަނީ މިއަދުވެސް އެވާހަކަ ތަކުރާރުކުރައްވައިފަ އެވެ. މުއިއްޒު ވިދާޅުވީ ފްލެޓުތަކުގެ ކުލި 5،600 އަށް ހަދައިނުދެވޭ ނަމަ، 6،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ ކަމަށް ވެސް އުންމީދުކުރައްވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ އަގުގައި ފްލެޓުތައް ދީގެން ގެއްލުން ނުވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓު ތަރައްގީކޮށްފައިވާއިރު، ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިހާރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހިޔާ މަޝްރޫއާ ގުޅޭގޮތުން އެޗްޑީސީ ރޭ އާންމުކުރި ނޫސްބަޔާނުގައި ބުނީ އެ ފްލެޓުތަކަށް ޑައުންޕޭމެންޓް ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް ޑައުންޕޭމެންޓް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށެވެ. ފްލެޓުތަކަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރަށް ބަހާލައިގެންނެވެ.

އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ އަދި މެނޭޖުމެންޓް ފީގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ނިންމާފައިވާއިރު ފްލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަހު އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެ އެވެ. އެ ތިން މަހަކީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދޭ ތިން މަހެވެ. އެ ފްލެޓުތައް ދޫކުރާއިރު ބޮކި ފަންކާ ހަރުކޮށްފައި ނުހުންނާނެ އެވެ. މުށި ޖަހައި ކުލަ ލައި ފިކްސްޗާސް އެންޑް ފިޓިންގްސް ހަރު ކުރަން ޖެހޭނީ އެ ފްލެޓު ލިބޭ ފަރާތްތައް އަމިއްލަ އަށެވެ.

ޑައުންޕޭމެންޓް ދައްކަން ބޭނުން ފަރާތްތަކަށް އެ ފުރުސަތުދީ، އެ އަދަދުން ފްލެޓުގެ އަގުގެ ޖުމްލަ އަގު އުނިކޮށް، މަހު ކުލި، އެ އަގާ އެއްގޮތަށް ކުޑަ ކުރެވޭނެ ކަމަށާއި، ފައިސާ ދައްކާ މުއްދަތު ކުޑަކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.