27 May 2021, 22:16
މިއަދު އިތުރު 1،299 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މިހާތަނަށް ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު 60،000 ހުރަސްކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވިކ 799 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 487 މީހެކެވެ. އަދި ރިސޯޓުތަކުން ވެސް މިއަދު 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދު ޕޮޒިޓިވްވި 1،299 މީހުންނާއިއެކު ރާއްޖޭގައި މިވަގުތު 25،419 އެކްޓިވް ކޭސް އެބަ ހުއްޓެވެ. ރާއްޖެއިން ޖުމްލަ ފެނުނު ކޭސްތައް ވަނީ 60،943 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 270 މީހަކަށް މިވަގުތު ފަރުވާދެމުން ދަނީ އެޑްމިޓްކޮށްގެންނެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން، 35،365 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 151 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.