13 Feb 2012, 14:56
ހުޅުމާލެ އިން މާލެއައި ފެރީއަކުން މަސްމަރާ ބަޑިއެއް މާލެގެނައި މީހެއްގެ މައްޗަށް މަސްމަރާ ބަޑިއެއް ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށުގެ ދައުވާ ދައުލަތުން މިއަދު އުފުލައި ފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ އިން މާލެ އައި ފެރީއަކުން އައި މީހަކު މަސްމަރާ ބަޑިއެއް ގެންނަ ކަމުގެ މައުލޫމާތު ލިބިގެން އެ ފެރީ އައި ވަގުތު ފުލުހުން ގޮސް ބެލި އިރު އެ ފެރީން މާލެ އައި މ. ދިއްގަރު، އަޒުމް، އަހުމަދު އަސްއަދުގެ އަތުން މަސްމަރާ ބަޑިއެއް ފެނިފައިވާ ކަމަށެވެ.
ދައުލަތުން ދައުވާ ހުށަހެޅުމާ އެކު އޭނާ ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނީ އެ ބަޑިއަކީ އޭނާ މަސައްކަތްކުރާ ސަފާރީއަށް މިދިޔަ އަހަރު ޖުލައި މަހުގައި ދިޔަ ގެސްޓަކު އޭނާ އަށް ދިންއެއްޗެއް ކަމަށާއި އެއީ ރާއްޖޭގައި ގެންގުޅުން މާނާއެއްޗެއް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޭނާ އަށް ދިފާއުގައި ހެކިން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހު އެވެ.
އަސްއަދުގެ މައްޗަށް ދައުވާކޮށްފައި ވަނީ ދިވެހިރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އާއި ނުވަނަ ވަނަ މާއްދާ އާއި ހަވާލާދީ އެ ގާނޫނޫގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން ނެވެ.
ރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނަނީ ރާއްޖޭގައި ހުރި މީހެއްގެ އަތުން މަސްމަރާ ބަޑިއެއް ފެނިއްޖެ ނަމަ، އެމީހަކަށް އެ ބަޑި ލިބުނު ގޮތް ސާބިތުކޮށްނުދެވިއްޖެ ނަމަ ބެލެވޭނީ އެ ބަޑިއަކީ އެމީހަކު ރާއްޖެ އެތެރެކޮށް، ގެންގުޅޭ އެއްޗެއް ކަމުގައި ކަމަށެވެ.
ރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނުގައި ބުނަނީ މަސްމަރާ ބަޑި ރާއްޖެ އެތެރެކުރި މީހެއްގެ އަދަބަކީ ހަމަހާއި ދެ އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދުކުރުން ނުވަތަ 5،000ރ. އާއި 50،000ރ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.