ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، އެމްޑަބްލިޔުއެސްސީ އިން ޚިދުމަތްދޭ ރަށްރަށުގައި، މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

މިގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ މެއި މަހުގެ ފެން ބިލުން 30 ޕަސެންޓް އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ފެން ބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އެމްޑަބްލިޔުއެސްސީ އިން ރ. ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ކަރަންޓް ބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންމުން ގެންދަވާ ފިޔަވަޅުތަކަށް މިކުންފުނީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ،" އެމްޑަބްލިއުއެސްސީން ބުންޏެވެ.

ހުރިހައި ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް، މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

"ހަމަ މިއާއި އެކު، އަތް ދޮވުމުގަޔާއި އަދި އެހެނިހެން ކަންކަމުގައިވެސް ފެން ބޭނުންކުރެއްވުމުގައި ވީހާވެސް އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރެއްވުމަށް މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ،" އެމްޑަބްލިއުއެސްސީން ބުންޏެވެ.