27 May 2021, 15:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މައްސައްކަތްތަކާއި، އަދި ކުރިއަށް ރާވާފައިވާ ކަންތައްތައް މޭޔަރު ވަނީ ރައީސް އާ ހިއްސާ ކުރައްވައިފައެވެ.
އެ ކަންތައްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމަށާއި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި، މާލެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން މާލެ ސިޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ރައީސް މޭޔަރަށް ބާރުއެޅުއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.