13 Feb 2012, 14:03
މިދިޔަ އަންގާރަ ދުވަހު ވެރިކަން ބަދަލުވި ފަހުން އެމްޑީޕީގެ އިސް ފަރާތްތައް ކުރިއަށް ނުކުމެ ކުރި މުޒާހަރާ ހަމަނުޖެހުމަށް ބަދަލުވުމާ ގުޅިގެން އައްޑޫ ޕޮލިސް ސްޓޭޝަންތަކާއި ބައެއް އިމާރާތާއި ތަކެތީގައި ހުޅުޖަހައި އެ އަތޮޅުގައި ހިންގި ހަމަނުޖެހުމުގެ ސަބަބަބުން ތަހުގީގަށް ފުލުހުން ހައްޔަރު ކުރި ބައެއް މީހުން ގޭބަންދަށް ބަދަލުކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ސަދަން ކޮމާންޑަރު ސުޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދާއި، ކައުންސިލްގެ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ އާއި ކައުންސިލްގެ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ގޭބަންދަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ޔޫނުސް ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ ތަހުގީގު ނިމުމުން ދޫކޮށްލުމުން ގެންދާ އިރު ބައެއް މީހުން ކޯޓުން މުއްދަތު އިތުރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވާ އިރު އަނެއްބައި މީހުން ގޭ ބަންދަށް ބަދަލުކުރުމުން އަންނަ ކަމަށެވެ.
"އެމީހުންގެ ތަހުގީގުތައް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ގޭބަންދުގައި ތިބޭނެ. މިހާރު ފުލުހުން ހައްޔަރުކޮފައިވާ މީހުން 15 ދުވަހުގެ ބަންދުގައި ބައިތިއްބުމަށް ކޯޓުން ވަނީ މުއްދަތު ޖަހައިދީފައި،" ޔޫނުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ހިނގައި ދިޔަ ހާދިސާތަކަށް ފަހު ފުލުހުން ހައްޔަރު ކުރި ބައެއްފަރާތްތައް ތަހުގީގަށް ފަހު، ދޫކޮށްލާފައިވާ ކަމަށާއި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 60 ވަރަކަށް މީހުން ކަމަށެވެ.
ބުދަ ދުވަހު އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި ތަންތަނަށް ގެއްލުން ދިން އިރު އައްޑު އަތޮޅު ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ޕޮލިސް އެކޮމޮޑޭޝަނާއި ގަން ޕޮލިސް ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއްދީ އެތަންތަން ވަނީ ހުޅުޖަހައި ރޯކޮށްލައިފަ އެވެ.