ވިއެނާ (27 މޭ) : އީރާނުން މިހާރު ޔޫރޭނިޔަމް ފައްކާކުރަމުން ގެންދަނީ ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ދުނިޔޭގެ މަދުގައުމުތަކަށް ނޫނީ ނުއުފެއްދޭ ވަރުގެ މަތީލެވެލްއެއްގައި ކަމަށާއި މިއީ ކަންބޮޑުވާންޖެހޭވަރުގެ ކަމެއްކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފި އެވެ.

އެއެޖެންސީގެ ވެރިޔާ ރަފައީލް މަރިޔާނޯ ގްރޫސީ ވިދާޅުވީ އީރާނުން އިއުލާންކޮށްފައިވާ ގޮތަށް ޕަސެންޓަށް އެގައުމުން ޔޫރޭނިޔަމް ފައްކާ ކުރަމުން ގެންދާކަން އައިއޭއީއޭގެ އިނިސްޕެކްޓަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއީ ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ދުނިޔޭގެ މަދުގައުމުތަކުން އަސްކަރީ ބޭނުންތަކަށް ޔޫރޭނިޔަމް އުފައްދާ މިންވަރެވެ.

ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ޔޫރޭނިޔަމް ފައްކާ ކުރަންޖެހެނީ 90 ޕަސެންޓަށް

ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް 90 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރަން ޖެހޭ ނަމަވެސް 60 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރާ ގައުމަކުން ބޭނުންވެއްޖެ ހާލަތެއްގައި 90 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރުމަކީ ވަރަށް ފަސޭހަ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފައްދަން ގަސްދުކުރާކަން އީރާނުން ހާމަކޮށްފައިނުވާކަން ގްރޫސީ ފާހަގަކުރެއްވި އެވެ.

ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރުސަތު އީރާނަށް ލިބިދެނީ 3.5 ޕަސެންޓަށް

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރުސަތު އީރާނަށް ލިބިދެނީ 3.5 ޕަސެންޓަށެވެ. މިއީ ނިއުކްލިޔާ ހަކަތައިން އިލެކްޓްރިކް ކަރަންޓް އުފެއްދުމާއި ދަނޑުވެރިކަމާއި ޑޮކްޓަރީ ކަންކަންފަދަ މަދަނީ ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާކުރަންޖެހޭ މިންވަރެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އަމިއްލައަށް އެކަހެރި ގޮތެއްގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން އީރާންވަނީ ނިއުކްލިޔާ އެއްބަސްވުމުގެ ގިނަ ބައިތަކަށް އަމަލުކުރުން ހުއްޓާލާފައެވެ. މިއާއެކު ޔޫރޭނިޔަމް ފައްކާކުރާ މިންވަރުވެސް އީރާނުންވަނީ 20 އިންސައްތައަށް މައްޗަށް ޖައްސާފައެވެ.

އީރާނުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 60 ޕަސެންޓަށް މައްޗަށް ޖެއްސީ އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކަށް ރައްުދު ދިނުމަށް

އެއަށްފަހު މިދިޔައަހަރުގެ ފަހުކޮޅުގައާއި މިއަހަރުގެ ކުރީކޮޅު އިސްރާއީލުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް އަމާޒުކޮށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ފެށުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން އީރާންވަނީ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މައްޗަށް ޖައްސާފައެވެ. އިސްރާއީލުން ހިންގިކަމަށް އީރާނުން ބުނާ ޓެރަރިޒަމްގެ އަމަލުތަކަކީ އީރާނުގެ ނިއުކްލިޔާ އިސް ސައެންޓިސްޓެއްކަމަށްވާ ޕްރޮފެސަރ ފަޚްރީ މުހްސިން ޒާދާ އަވަހާރަކޮށްލުމާއި އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ސެންޓްރިފިއުޖް މެޝިންތައް ހުންނަ ސަރަހައްދުގެ ކަރަންޓް ވިއުގަ ހަލާކުކޮށްލުމެވެ. މިދެ އަމަލުވެސް އިސްރާއީލުން ހިންގާފައިވަނީ އީރާނުގެ ޚާއިނުންގެ ބަޔަކަށް ފައިސާދީގެން ކަމަށް ތަހްގީގްތަކުން ކަށަވަރުވެފައިވާކަމަށް އީރާނުގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ.

އީރާން ބުނަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ނޯވެވޭނެކަމާއި ލަސްތަކެއްނުވެ އިސްރާއީލު ނެތި ހިނގައިދާނެކަމަށް

އިސްރާއީލުވެސްވަނީ ޓެރަރިޒަމްގެ މިދެ އަމަލު އީރާނާ ދެކޮޅަށް ހިންގިކަމަށް ނުސީދާ ގޮތެއްގައި އެއްބަސްވެފައެވެ. މިއާއެކު އީރާނުން ނިއުކްލިޔާ ބޮންއުފައްދަން މަސައްކަތްކުރާކަމުގެ ބިރު އިހްސާސްކުރާކަން ހާމަކޮށް އިސްރާއީލުންވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އީރާނަށް ނުދޭނެކަމަށްބުނެ ތަކުރާރުކޮށް އީރާނަށް އިންޒާރު ދީފައެވެ. އީރާނުންވަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ނޯވެވޭނެކަމާއި އިސްރާއީލެވެކިޔާ ޒަޔަނިސްޓް ދައުލަތަކީ ފަލަސްތީނުގެ ބިމުގައި އުފެދިފައިވާ ކެންސަރެއްފަދަ އިިސްތިއުމާރީ ބާރެއްކަމުން ލަސްތަކެއްނުވެ ފަލަސްތީނުގެ ބިމުގައި އިސްރާއީލު ރޫޅިގެންދާނެ ކަމަށްބުނެ އިސްރާއީލު އެންމެ ހިތުގައިޖެހޭ ގޮތަށް ރައްދު ދީފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތްފަދަ ޖަމާއަތްތަކަށް ރޮކެޓް ސައެންސާއި އޭގެ އިންޖިނޭރިން ޓެކްނޮލޮޖީ ފޯރުކޮށްދީފައިވަނީ އީރާންކަމަށް އިސްރާއީލު ބުނެއެވެ. މިކަން އެޖަމާއަތްތަކުންވެސް ދޮގެއް ނުކުރެއެވެ. ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތަކީ އީރާނާ ގުޅުންތައް ވަރަށްބޮޑު ދެ ޖަމާއަތެވެ.

އެމެރިކާ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވަނީ

އީރާނުން މިހާރު ޔޫރޭނިޔަމް ފައްކާކުރަނީ ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ދުނިޔޭގެ މަދުގައުމުތަކުން އުފައްދާ ލެވެލްގައި ކަމާއި މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ން ބުނެފައި މިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާބެހޭގޮތުން އެމެރިކާއާއި އީރާނާދެމެދު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މަޝްވަރާ ތަކެއް ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.

މި މަޝްވަރާތައް ބިނާވެފައިވަނީ އެމެރިކާ އަލުން އެނބުރި ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމުން އީރާންވެސް ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް ހިންގަމުން ގެންދާ ހަރަކާތްތައް ހުއްޓުމަކަށް ގެނަސް ނިއުކްލިޔާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރަން ފެށުމުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)