13 Feb 2012, 13:26
އެސްޓަން ވިލާ އަތުން މޮޅުވުމަށް ފަހު އަލުން ޕްރެމިއާ ލީގުގެ އެއްވަނަ މަގާމަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ. މެންސިޓީ އެއް ވަނަ އަށް އެރުމުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ވަނީ ދެ ވަނަ އަށް ވެއްޓިފަ އެވެ.
މިމެޗުގައި މެންސިޓީ އަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާ ކަން ފާހަގަ ކޮށްލެވެ އެވެ. މެޗު ފެށުނީއްސުރެ މެންސިޓީ އިން ދިޔައީ އެސްޓަން ވިލާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މިމެޗުގައި މެންސިޓީ އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ހޯލިއާން ލެސްކޮޓް އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.
އެސްޓަން ވިލާ އާއި މެންސިޓީ ކުޅުނު މެޗުގެ އިތުރުން ވެސް އިތުރު މެޗެއް ރޭ ކުރިއަށް ދިޔަ އެވެ. ޕީޓާ އޮޑެމްވިންގީގެ ހެޓްރިކަކާ އެކު، ވެސްޓް ބްރޮމް ވަނީ ވޮލްވްސްގެ މައްޗަށް ކުރި ހޯދާފަ އެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ވެސްޓް ބްރޮމް އަށް އޮޑެމްވޮންގީ ކުރި ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ސްޓީވަން ފްލެޗާ ވަނީ ވޮލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ވެސްޓް ބްރޮމް އަށް އަލުން ލީޑު ހޯދައިދިނީ ޖޮނަސް އޮލްސަން އެވެ. މެޗުގެ 77 ވަނަ މިނެޓުގައި އޮޑެމްވިންގީގެ ދެ ވަނަ ލަނޑު ފެނުނު އިރު، މެޗުގެ 85 ވަނަ މިނެޓުގައި ވެސްޓް ބްރޮމްގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކީތް އެންޑްރޫސް އެވެ. އޮޑެމްވިންގީގެ ހެޓްރިކް ފުރިހަމަ ވެގެންދިޔައީ މެޗުގެ 88 ވަނަ މިނެޓުގަ އެވެ. މިމެޗު ނިމިގެންދިޔައީ 5-1 ލަނޑުން ވެސްޓް ބްރޮމް ކުރީގައި އޮވެގެންނެވެ.