27 May 2021, 01:27
ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
ހިޔާ މަޝްރޫއާ ގުޅޭގޮތުން އެޗްޑީސީ މިރޭ އާންމުކުރި ނޫސްބަޔާނުގައި ބުނީ އެ ފްލެޓުތަކަށް ޑައުންޕޭމެންޓް ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް ޑައުންޕޭމެންޓް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށެވެ.
ފްލެޓުތަކަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރަށް ބަހާލައުގެން ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ އަދި މެނޭޖުމެންޓް ފީގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ނިންމާފައިވާއިރު ފްލެޓު އެއްބަސްވުމުގައި ސޮއކުރާ ތާރީހުން ފެށިގެން ތިން މަހު އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެ ތިން މަހަކީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދޭ ތިން މަހެވެ. އެ ފްލެޓުތައް ދޫކުރާއިރު ބޮކި ފަންކާ ހަރުކޮށްފައި ނުހުންނާނެ އެވެ. މުށި ޖަހައި ކުލަ ލައި ފިކްސްޗާސް އެންޑް ފިޓިންގްސް ހަރު ކުރަން ޖެހޭނީ އެ ފްލެޓު ލިބޭ ފަރާތްތައް އަމިއްލަ އަށެވެ
ޑައުންޕޭމެންޓް ދައްކަން ބޭނުން ފަރާތްތަކަށް އެ ފުރުސަތުދީ، އެ އަދަދުން ފްލެޓުގެ އަގުގެ ޖުމްލަ އަގު އުނިކޮށް، މަހުކުލި، އެ އަގާ އެއްގޮތަށް ކުޑަ ކުރެވޭނެ ކަމަށާއި، ފައިސާ ދައްކާ މުއްދަތު ކުޑަކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓު ތަރައްގީކޮށްފައިވާއިރު، އެޗްޑީސީ އިން ބުނީ އެ ކުންފުނިން ސަރުކާާއެކު މަސައްކަތް ކުރަނީ ވީހާވެސް ހާމަކަން ބޮޑުކޮށް ހިޔާމަޝްރޫއާ ގުޅުންހުރި ކަންތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
ހިޔާ މަޝްރޫގެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިހާރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ކޮވިޑު ހާލަތު މިހާރަށްވުރެ ރަނގަޅު ވުމުން އެޗްޕީއޭގެ އިތުރު ލަފައާއެކު ބާކީ ތިބި ފަރާތްތަކުގެ ގުރުނެގުންވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ފްލެޓުތަކުގެ ގުރުނެގުން އެޗްޑީސީ އިން ކުރިއަށް ގެންގޮސްފައިވަނީ ލައިވްކޮށެވެ. އެޗްޑީސީ އިން ބުނީ ލައިވް ކުރިއަށް ގެންދިޔަ އިރު، ފްލޯ ލޭއައުޓް އޮރިއެންޓޭޝަނެއް ދެއްކުމުގައި އޮޅުމެއް އަރާފައިވާ ކަމަށެވެ. ނަމަވެސް އޭޕްރީލް 28 ވަނަ ދުވަހުގެ ގުރުނެގުމުގައި އެގޮތަށް ޓެކްނިކަލް މައްސަލަ އެއް ދިމާވި ނަމަވެސް އެ ފަރާތްތަކަށް ލިބިފައިވާ ފްލެޓު ހުރިކަން އަންގައިދޭ ފްލޯ ލޭއައުޓްގެ ރަނގަޅުގޮތް އެޗްޑީސީ އިން މެއި 17 ވަނަ ދުވަހު އާންމުކޮށްފައިވާ ފްލޯ ލޭއައުޓުން ފެންނާނެ ކަމަށާއި އެ ފަރާތްތަކަށް ގުރުއަތުން ލިބުނު ފްލެޓު ނަންބަރަށް ބަދަލު ނާންނާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ކުރިއަށް އޮތްތަނުގައި އިތުރު އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުުރުން ސިއްހީ ކުއްލި ނުރައްކަލުގެ މި ހަލަތުގައި ފްލެޓު ލިބުނު ހުރިހާ ފަރާތްތައް ވަކިވަކިން ގެންގޮސް ފްލެޓުތައް ދެއްކުމަކީ މި ހާލަތުގައި ދަތކަމެއް ކަމަށާއި، އެހެންކަމުން ފްލެޓުތަކުގެ ވިހާވެސް ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް އެ ޓަވަރުތަކުގައި ހިމެނޭ ހުރިހާ ޓައިޕެއްގެ ފްލެޓެއް، މިންތައް އެނގޭނެހެން އެޗްޑީސީގެ ވެބްސައިޓުގައި އާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ރައްޔިތުންނަށް ވީހާވެސް ހަލުވިކަމާއި، ފަސޭހަ ކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫއަށް ހާއްސަ ވައިބާ ޗެނަލް އެއް ލޯންޗު ކުރަން ނިންމާފައިވާ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.