މި އަހަރުގެ ޖެނުއަރީ މަހުނެ ފެސިގެން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުފުރައިގެ 40 ޕަސެންޓް މީހުން ވެކްސިން ނުޖަހާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި މި އަހަރު ފެށުނު ފަހުން ބަލި އެންމެ ގިނަ އަދަދަކަށް ޖެހިފައިވަނީ އުމުރުން 18 އަހަރާއި 49 އަހަރުގެ އުމުރުފުރައިގެ ފަރާތްތަކަށެވެ. އެހެންނަމަވެސް މި އުމުރުފުރައިގެ 40 އިންސައްތައެއްހާ މީހުން އެއްވެސް ކަހަލަ ވެކްސިނެއް އަދި ޖަހާފައިނުވާކަމަށް އެޗްޕީއޭގެ ތަފަސްހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން 50 އިންސައްތައަކީ މި އުމުރުފުރައިގެ ފަރާތްތަށްކަމަށް އެޗްޕީޢޭއިން ބުންޏެވެ. އެޗްޕީއޭއިން ވަނީ މި ފަރާތްތައްވެސް ވީހާވެސް އަވަހަށް ބައްޔަށް ރައްކާތެރިކަން ހޯދުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭގެ ވެކްސިން ތަފާސްހިސާބުތަކުން ދައްކުވައިދޭ ގޮތުގައި މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 161،454 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ޖަހާފައިވާ 307،927 މީހުން އެބަ ތިއްބެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން ދަނީ ޗައިނާގެ ސިނޮފާމް ވެކްސިންގެ އިތުރުން ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން އެވެ. ކުރިޔަށް އޮތް ޖޫން މަސް ތެރޭ ރާއްޖެއަށް އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމެންޓްތަކެއް ލިބޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންދާޒާކޮށްފަ އެވެ. އަަދި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަތުމަށްވެސް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.