13 Feb 2012, 13:20
މިދިޔަ އަންގާރަ ދުވަހު ފުލުހުންނާއި ސިފައިން ނުކުމެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ވެރިކަން އިންގިލާބުކޮށްލުމާ އެކު ރައީސް ކަމާ ހަވާލުވެ ވަޑައިގަތް ނައިބު ރައީސް އަދި މިހާރުގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވަނީ އޭނާގެ ކެބިނެޓްގެ މުހިންމު މަގާމުތަކަށް އިއްޔެ މިނިސްޓަރުން އަންޔަންކުރައްވައިފަ އެވެ.
އައު ކެބިނެޓްގައި މިހާތަނަށް ހުންނެވި އެންމެ ޒުވާން އެއް މިނިސްޓަރަކީ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޒުވާން، އުމުރުން އެންމެ 29 އަހަރުގެ އަހުމަދު އަދީބެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައި އިންޑަސްޓްރީ، ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެ ވަޑައިގަތް އަދީބު ސަން އޮންލައިން އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިއަދު ވިދާޅުވީ ވެރިކަމެއް ވެއްޓި އަނެއް ވެރިކަމެއްގެ މެދުތެރެއިން އިންޑަސްޓްރީ އަކާ ހަވާލުވެވަޑައިގަތް އިރު ދުނިޔޭގައި ރާއްޖޭގެ ނަން ވަރަށް ބޮޑަށް ކިލަބުވެފައިވާ ކަމަށާއި ބޭރު ދުނިޔޭގައި ރާއްޖެ ސިފަވެފައި ވަނީ ނުރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަމަށެވެ. އަދީބުގެ ފުރަތަމަ ވެސް އަމާޒު ހިފާފައި ހުރީ އެހާލަތް ބަދަލުކޮށް "އިތުބާރު" ހޯދައިދީ ހިފެހެއްޓުމަށެވެ.
"އަޅުގަނޑުމެންގެ ގައުމާ ބެހޭ ނެގެޓިވް ވާހަކަތައް މިހުރީ. މިތަނަކީ އެއްވެސް ސޭފްތަނެއް ނޫނޭ. ވަރަށް ހަމަނުޖެހުން ބޮޑުތަނެކޭ. އަޅުގަނޑު ފުރަތަމަ ވެސް ފޯކަސް މިކުރަނީ އަޅުގަނޑުމެންގެ ބޭރުގެ ފަރާތްތަކާ ހިއްސާ ކުރުން. މިހާރު ތިބި ޓުއާއޮޕަރޭޓަރުންނާ މިތާ ހުރި ހޮޓެލް ޗެއިންތަކަށް ޔަގީންކަން ދިނުމަށް އަޅުގަނޑުމެންގެ ޓޫރިޒަމަށް އިފެކްޓް ކުރާނެ އެއްވެސް ކަމެއް ނުވަތަ އަޅުގަނޑުމެންނަށް އަންނަ ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ހޯދައިދިނުން. ކްރައިސިސް މެނޭޖްމަންޓްގެ ޕްރޮގްރާމް ފުރަތަމަ ވެސް މިވަނީ މުހިންމު،" ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްކަން ވެސް ކުރައްވާ އަދީބު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގެ ބައެއް އެކޮނޮމިކް ޕޮލިސީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދީބުގެ އެންމެ ބޮޑު މައްސަލައަކަށް އޭރުވެފައި އޮތީ އިކޮނޮމީގެ ތެރެއަށް ސިޔާސީ ހަލަބިލޮކަން ވައްދާ މަސްހުނިކޮށް ވިޔަފާރީގެ ރައްކާތެރިކަން ގެއްލުމެވެ. އަދީބު ވިދާޅުވީ އޭނާ ސިޔާސީ މަގާމެއް ފުރުއްވިޔަސް ސަރުކާރުން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކޮށްފައި ހުރި އެގްރިމެންޓަކަށް ނޫނީ މަސައްކަތަކަށް ބުރުލެއް އެރިޔަ ނުދެއްވާނެ ކަމަށާއި އޭނާގެ މައިގަނޑު މަސަކަތަކަށް ވާނީ ވިޔަފާރިތަކަށް މަގު ފަހިކޮށް ދިނުން ކަމަށެވެ.
"އިންޑަސްޓްރީތައް ސިޔާސީ ކަންކަމުން ވިހާ ވެސް ދުރުކުރަން މިވަނީ ޖެހިފައި. ހާއްސަކޮށް މިފަދަ ބޮޑު އިންޑަސްޓްރީއެއް. އަޅުގަނޑުގެ މަސައްކަތުގައި ކުލަޔަކަށް ބެލިގެން ވަކި ބަޔަކަށް ފޭވާ ކުރުން (ބުރަވުން) ނޯންނާނެ. އަޅުގަނޑު ބަލާނީ އެންމެނަށް ގައުމަށް ފައިދާ ހުރި ސަސްޓެއިނަބަލް( ދެމެހެއްޓެނިވި) އެއްޗަކަށް ހެދުން. އަޅުގަނޑުވާނީ ފެސިލިޓޭޓެރަކަށް،" އަދީބު ވިދާޅުވި އެވެ.
ވިޔަފާރީގެ ރޮގުން މާސްޓާޒް ހާސިލްކުރައްވާފައިވާ އަދި ފައިނޭންޝަލް ކޮންސަލްޓެންޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަދީބުގެ ވިސްނު ހުންނެވީ ކުރީގެ މިނިސްޓަރު މަރިޔަމް ޒުލްފާގެ ޕޮލިސީ އަށް ކުއްލި ބަދަލުތަކެއް ގެންނަވާ ގޮތަކަށް ނޫންނެވެ. ނަމަވެސް ބައެއް މަޝްރޫއުތަކުން އިންޑަސްޓްރީއަށް ކޮށްފައި ހުރި ފައިދާތައް ދެނެ ގަނެ ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް އޭނާ ދެކިލައްވަ އެވެ.
"މެދު ފަންތީގެ ޓޫރިޒަމުގެ ދަށުން ކިތައް ހޮޓާތޯ އޮޕަރޭޝަން ވަމުން ދަނީ. އޭގެ ކިތައް މަޝްރޫއުތޯ އޮޕަރޭޝަން ވަނީ. އެއީ ކުރިއަށް ދިޔުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް. އޭގެ މައްޗަށް ބަލައި އެކަންކަމަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑު ގެންނާނަން. ފައިނޭންސް ބޭނުންވާ ނަމަ އެ ފަދަ ޕްލެޓްފޯމެއް ގާއިމް ކުރުމަށް އިސްކަން ދެވިގެންދާނެ. އަދި ޗައިނާގެ ޓޫރިސްޓުން މިކޮޅަށް ގެނައުމުގެ އިތުރުން އެކޮޅުގައި އެބަ ތިއްބެވި އިންވެސްޓަރުން. އެމީހުންނަށް ހާއްސަކޮށްގެން އެކޮޅުގައި ފެއާ ކަހަލަ އެއްޗިހި ބޭއްވެން އެބަޖެހޭ،" އަދީބު ވިދާޅުވި އެވެ.
ހަދަން ފަށާފައި ހުރި ގިނަ ޓޫރިސްޓް، ހޮޓާ ފަދަ ތަންތަން ހުރި އިރު އަދީބު ވިދާޅުވީ އޭނާގެ ސިޔާސަތަކަށް ވާނީ ޖޫރިމަނާ ކުރުމަށް ވުރެ ބޮޑަށް އެތަންތަން ހެދޭނެ ގޮތްތަކެއް ރާވައި ހިންގުން ކަމަށެވެ. އެގޮތުން ވިދާޅުވީ؛ "އަޅުގަނޑާއި ވަރަށް ގާތްގުޅުމެއް އޮންނާނެ ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާ. ޖޫރިމަނާ ކޮށްކޮށް ތިބެވިދާނެ. އެކަމަކު އޭގެ ބަދަލުގައި އެބަޖެހޭ އެތަންތަން ބިނާކުރުމަށް ފައިނޭންސް ހޯދަން. އެފައިސާ ހޯދޭނެ ޕްލެޓް ފޯމްތައް އަޅުގަނޑު ހޯދައިދޭނަން. އަޅުގަނޑުމެންގެ މި ސިވިލްސާވިސް ޓީމަކީވެސް ގާބިލް ޓީމެއް. އެބޭފުޅުންނާ އެކު މިކަން ކުރެވޭނެ،" އަދީބް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން އޭނާއަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ޕޮލިސީއަށް ބަދަލެއް އަންނަ ނަމަ އެކަމާ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ވެސް މަޝްވަރާކުރައްވާނެ ކަމަށެވެ.
"އެންމެ ބޮޑު ތަފާތަކީ އަޅުގަނޑަކީ ޕްރައިވެޓް ސެކްޓާ ފަޅިން އައި މީހެއްކަން. އަޅުގަނޑަށް އެހެންވެ ވަރަށް ރަނގަޅަށް އަންޑަސްޑޭންޓް ވޭ މިހުރި މައްސަލަތައް. އަޅުގަނޑު ބަލާނީ މަޓާޓޯ، މަޓީ، އަދި ވެސް މިހެން ހުރި ބޮޑަތި އިންޑަސްޓްރީގެ މީހުންގެ މަޝްވަރާގެ މަތިން ކަންކަން ކުރިއަށް ގެންދިޔުން،" އަދީބު ވިދާޅުވި އެވެ.
ނިންމާލަމުން އަދީބު ވިދާޅުވީ އޭނާގެ އުމުރުގެ ހަގު ކަމާ ހެދި ހަވާލުވި ޒިންމާ އަދާކުރެއްވުމަށް ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އިތުބާރާ އެކު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ސާބިތުކޮށްދޭން ބޭނުން ވަނީ އަޅުގަނޑުގެ އުމުރަކީ މައްސަލައެއް ނޫނޭ. ކުޑައިރުއްސުރެ ވެސް އަޅުގަނޑަކީ ލީޑަޝިޕް ނަގާ މީހެއް. ޒިންމާ ނަގާމީހެއް. އަޅުގަނޑު އެކަން އަބަދުވެސް ސާބިތުކޮށްދޭން. އުމުރުގެ ސަބަބުން އިރާދަކުރެއްވިޔާ އަޅުގަނޑުގެ މި ވާޖިބް އަދާކުރުމުގައި ފަހަތަކަށް ނުޖެހޭނަން،" އަދީބު ވިދާޅުވި އެވެ. "އަޅުގަނޑު ގޮތަށް ކޮންމެ ޒުވާނަކަށް މިގޮތަށް ކުރިއަށް ދެވިދާނެ. އަޅުގަނޑު ސާބިތުމިކޮށްދެނީ އެކަން. ބޭނުން ވަނީ ލީޑަޝިޕްނެގުން. ޒިންމާ ފުރިހަމައަށް ނެގުން."