މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 10:00 ގައި ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ސައިކަލްގެ ފަހަތުގައި އިން މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ސައިކަލް ދުއްވި މީހާ އެ ސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.