އިތުރު 1،299 މީހަކު އަލަށް މިއަދު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖެއިން މިހާތަނަށް ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު 60،000 އާއި ގާތްކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ އިއުލާންކުރި ތަފާސްހިސާބުތަކުން ދައްކުވައިދޭގޮތުގައި މިއަދު އަލަށް ޕޮޒިޓިވްވި 1،299 މީހުންނާއިއެކު ރާއްޖޭގައި މިވަގުތު 24،867 އެކްޓިވް ކޭސް އެބަ ހުއްޓެވެ. ރާއްޖެއިން ޖުމްލަ ފެނުނު ކޭސްތައް ވަނީ 59،644 އަށް އަރައިފަ އެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 890 ކޭސްއަކީ މާލެ ސަރަހައްދުން ފެނުނު ކޭސްތަކެވެ. ބާކީ ހުރި ކޭސްތަކުގެ ތެރެއިން 334 ކޭސް ފެނިފައިވަނީ މީހުން ދިރިއުޅޭ އެހެން ރަށްރަށުންނެވެ. ރިސޯޓުތަކުން 48 ކޭސް ފެނުނު އިރު ލިވްއަބޯޑްތަކުން 10 ކޭސް ވަނީ ފެނިފަ އެވެ. އޭގެ އިތުރުންވެސް ތަރައްގީކުރަމުން އަންނަ ރަށްރަށުންވެސް ވަނީ 17 ކޭސް ފެނިފަ އެވެ.

ރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ ތެރެއިން 285 މީހަކަށް މިވަގުތު ފަރުވާދެމުން ދަނީ އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކުވައިދޭގޮތުގައި 462 މީހަކު ބަލިން ފާއިތުވި 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވެފަ އެވެ. މިއާއިއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 34،621 އަށް އަރައިފަ އެވެ. ބަލީގައި 147 މީހަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.