ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ މިއަދު މި ބަލީގައި ރާއްޖެއިން މަރުވި ތިން ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ މިރޭ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 71 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިރޭ 7:20 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެއާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 147 ކަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް 58،345 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު އެކްޓިވް ކޭސްގެ 24،033 ކޭސް ހިމެނެ އެވެ.

ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ، އިތުރު ކޮވިޑް ފެސިލިޓީއެއް ހުޅުމާލޭގައި އަޅަން ސަރުކާރުން މިހާރުވަނީ ނިންމާފަ އެވެ. އިއްޔެ އިރުއޮއްސި ހައަކާ ހަމައަށް 289 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.