26 May 2021, 19:16
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ބާއްވާފައި އޮތް ބަލިމީހަކު ބަލަން އޭނާގެ އައިލާއިން ފޮނުވާފައި ހުރި ބަންގްލަދޭޝް މީހާ އަނިޔާކުރާ ވީޑިއޯ އާންމުވުމާއެކު އެމީހާ ހައްޔަރުކޮށްފި އެވެ.
އެ ވީޑިއޯއިން ފެންނަނީ އެ ބަލިމީހާ ގައިގައި ވަރަށް ބާރަށް ޖަހާ މަންޒަރެވެ. ޖެހުމުން އޭނާ ރޮއި އަޑާއި މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ. މުޅި ސޯޝަލް މީޑިއާގައި އެ ވީޑިއޯގެ މަންޒަރުތައް ދައުރުވަމުން ދާއިރު ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އެ ވީޑިއޯއާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަންޒަރެއް ކަމަށެވެ. ބަލިމީހާ ގައިގައި އެ ޖަހަނީ އާއިލާއިން އެމީހާ ބަލަން ހަވާލުކޮށްފައި ހުރި މީހެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"މިހާރު އޭނާ ވަކިކޮށް އާއިލާއަށް އެކަން އަންގައިފިން. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މެޑިކަލް ޓީމުން ދަނީ ބަލިމީހާގެ ކަންކަން ބަލަމުން." މަބްރޫކް ވިދާޅުވި އެވެ.
އެމައްސަލަ ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.