މާދަމާއިން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބީއެމްއެލް ހުޅުވައިގެން ދޭ ހިދުމަތްތައް ދިނުން ހުއްޓާލާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމެއެލްއިން ބުނީ އެ މުއްދަތުގައި ބޭންކު ބަންދު ނަމަވެސް އޮންލައިންކޮށް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

އޭގެ އިތުރުން ރޭއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދިނުމާއި އޭޓީއެމް މެދުވެރިކޮށް ޗެކް ޖަމާކުރުން ފަދަ ހިދުމަތްތައް ބޭންކް ބަންދުކޮށްފައި ހުރި ނަމަވެސް ދެމުން ދާނެ ކަމަށެވެ. އެގޮތުން މެންދުރު 12 އިގެ ކުރިން ޖަމާކުރާ ބީއެމްއެލް ޗެކެއް ނަމަ އެދުވަހު ޕްރޮސެސްވާނެ ކަމަށް ބޭންކުން ބުންޏެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން ޖަމާކުރާ ޗެކްތައް ކްލިއާ ކުރުމަށް އެދުވަހަކު ފޮނުވޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ

ލޯކަލް ބޭންކް ޓްރާންސްފާ ކޮންމެ ހޯމަ އަންގާރަ އަދި ބުރާސްފައްޗެއްގައި ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. އެގޮތުން ހެނދުނު 11:00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފަރ ރިކުއެސްތް އެުދވަހު ޕްރޮސެސްވާނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ބޭންކިންގް ހިދުމަތަށް ބަދަލު ގެނެސްފައި މިވަނީ މިއަުދން ފެށިގެން މާލޭގައި ހުއްދައަކާ ނުލައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި ވަނިކޮށެވެ. އެ ފިޔަވަޅުތައް އަޅާފައި ވަނީ ރާއްޖޭގައި އިންތިހާއަށް ކޮވިޑް ފެތުރެމުން ދާތީ އެވެ.