ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކު ބަލަން އާއިލާއިން ފޮނުވާފައި ހުރި މީހެއް، ބަލި މީހާ ގައިގައި ޖަހާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އެ ވީޑިއޯއިން ފެންނަނީ އެ ބަލިމީހާ ގައިގައި ވަރަށް ބާރަށް ޖަހާ މަންޒަރެވެ. ޖެހުމުން އޭނާ ރޮއި އަޑާއި މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ. މުޅި ސޯޝިއަލް މީޑިއާގައި އެ ވީޑިއޯގެ މަންޒަރުތައް ދައުރުވަމުން ދާއިރު ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

އެ ވީޑިއޯއާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަންޒަރެއް ކަމަށެވެ. ބަލިމީހާ ގައިގައި އެ ޖަހަނީ އާއިލާއިން އެމީހާ ބަލަން ހަވާލުކޮށްފައި ހުރި މީހެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"މިހާރު އޭނާ ވަކިކޮށް އާއިލާއަށް އެކަން އަންގައިފިން. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މެޑިކަލް ޓީމުން ދަނީ ބަލިމީހާގެ ކަންކަން ބަލަމުން." މަބްރޫކް ވިދާޅުވި އެވެ.

އެމައްސަލަ ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިހުރި ކެއާޓޭކާ ޖަހައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަހެޅިފައިވާ ކަމަށެވެ.

"ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.