26 May 2021, 15:19
ކޮވިޑް19 އަށް ޕޮޒިޓިވްވުމުން އެކަހެރިވުމަށް އަންގާ، އެކަހިރިވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫނުކުރާގޮތަށް ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެ ކަމަށެވެ. އަދި ލިޔުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ވައިރަހަށް ޕޮޒިޓިވް ވާ މީހުންގެ ބަލި ހާލަތާ ގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވާ ކަމަށެވެ.
އެގޮތުން 14 ދުވަހުގެ މުއްދަތު ނިމޭ އިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަނަމަ، އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ހަމައެއާއެކު ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިކުރެވޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި އެފަދަ މީހުންގެ އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭގޮތުގެ މަތިން ކަމަށް ވެސް ބުނެފައިވެ އެވެ.
ގޭގައި އެކަހެރިވެގެން ތިބޭ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަނަމަ ސިއްހީ ލަފަޔާއި ފަރުވާ ހޯދުމަށް ވަނީ އަންގައިފަ އެވެ.
ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓަލަން ނިންމި އިރު، ކޮވިޑާ ގުޅިގެން ދޫކުރާ ލިޔުންތައް ނުލިބި ގިނަ ދުވަސްވާކަމުގެ ޝަކުވާތައް އަބަދުވެސް އޮވެ އެވެ.