26 May 2021, 15:19
މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ކަމުގެ އުންމީދު އޮތް ނަމަވެސް، ބަލީގައި މީހުން މަރުވާ ނިސްބަތް ދަށްކުރަން ވަގުތު ނަގާނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ
މާ ބޮޑު ފިޔަވަޅުތަކެއް ނާޅައި ދޫކޮށްލާފައި އޮންނަ ނަމަ، ކޮވިޑް19ގެ ނަންބަރުތައް އެންމެ ޕީކަށް އަރާއިރު ދުވާލެއްގެ މައްޗަށް 7000 މީހުން ޕޮޒިޓިވްވެދާނެ ކަމަށް އެންމެ ފަހުން ޑރ. ޝީނާ މޫސާ ހެއްދެވި ޕްރޮޖެކްޝަންތަކުން ދައްކާފައިވާ ކަމަށެވެ.
ޑރ. ޝީނާގެ އަންދާޒާތައް ދައްކާގޮތުން އެންމެ މިނިމަލް ފިޔަވަޅުތައް އަޅައިގެން ދުވާލެއްގެ މައްޗަށް 6000 މީހުން ޕޮޒިޓިވްވާނެ އެވެ. އަދި މެދުމިންވަރެއްގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، އެންމެ ޕީކަށް ދާއިރު ދުވާލަކު 3000 މީހުން ޕޮޒިޓިވްވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ބޮޑަށް ރެސްޓްރިކްޓް ކޮށްފި ނަމަ، 1500 އަށްވުރެ ދަށުގަ ޕީކް ވާ ދުވަހު ވެސް ހިފެހެއްޓޭނެ ކަމަށް މިވަނީ. ލޮކްޑައުނެއް، ނޫނިއްޔާމު ވަރުގަދަ ރެސްޓްރިކްޝަނެއް އެއް ވިއްޔާ އެންމެ ޕީކް އިރުވެސް 500 އަށް ނުގޮސް ހިފެހެއްޓޭނެ ކަމަށް އޭރުގެ ޕްރޮޖެކްޝަނުން ދައްކަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިފަހުން ދުވާލެއްގެ މައްޗަށް 2000 މީހުން ވެސް ޕޮޒިޓިވްވެފައިވާ ކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު، ނަންބަރުތައް ދަށް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ.
އެހެން ނަމަވެސް، ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް ދާން ފަށާއިރަށް، ބަލީގައި މަރުވާ މީހުންގެ ނިސްބަތް ދަށަށް ނުދާނެ ކަމަށް ޑެ. ނަޒްލާ ވިދާޅުވި އެވެ.
"އެއީ މިހާރު ބައްޔަށް ހުށަހެޅޭ މީހުން އިތުރަށް ބަލިވެ އަދި އެޑްމިޓްވެ ނިޔާވުމަށް އަދި ވަގުތު ނަގާނެ. އެހެންވީމަ އަޅުގަނޑުމެން ނަންބަރު ދަށް ކުރި ނަމަވެސް، ނިޔާވާ ނިސްބަތް ދަށްވުމަށް އަދި ވަގުތު ނަގާފާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެންކަމުން މިހާރު ނަގާފައިވާ ފިޔަވަޅުތަކާއެކު، ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދި ވީހާވެސް އަވަހަކަށް، ވީހާ ވެސް ބޮޑަށް ދަށްކުރުން މުހިންމު ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން 145 މީހަކު މަރުވެފައިވާއިރު، އިއްޔެ ވެސް 1،004 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 24،033 ގަ އެވެ. އޭގެ ތެރެއިން 289 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.