އިނގިރޭސި ގައުމީ ޓީމުގެ ހުސްވެފައިވާ ކެޕްޓަންގެ މަގާމު ފުރުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީ ބޭނުންވި ނަމަވެސް، އެމަގާމު ފުރުމަށް އެންމެ އެކަށޭނެ ކުޅުންތެރިއަކީ ލިވަޕޫލްގެ މިޑްފީލްޑަރު ސްޓީވަން ޖެރާޑް ކަމަށް ރޫނީ ބުނެފި އެވެ.

ޗެލްސީ ޑިފެންޑަރު ޖޯން ޓެރީގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ، އިނގިރޭސި އެފްއޭ އިން ވަނީ ޓެރީ އަތުން ކެޕްޓަންކަން އަތުލާފަ އެވެ. ޓެރީ އަތުން ކެޕްޓަންކަން އަތުލީ ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު)ގެ ޑިފެންޑަރާއި ނަސްލީގޮތުން ދިމާކުރި ކަމުގެ އަޑުއެހުންތަކެއް ކޯޓުގައި ކުރިއަށް ދާތީ އެވެ. އެފްއޭ އިން ޓެރީ އަތުން ކެޕްޓަން ކަން އަތުލުމުން ހިތްހަމަ ނުޖެހިގެން ގައުމީ ޓީމުގެ ކޯޗުކަމުން ފަބިއޯ ކެޕެއްލޯ އިސްތިއުފާ ދީފައި ވެއެވެ.

"އަހަރެން ބޭނުން އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަން. ނަމަވެސް އެކަން ނިންމާނީ ކޯޗު. ކެޕްޓަންކަން ދިނުން އެންމެ އެކަށެނީ ޖެރާޑް އަށް." ރޫނީ ބުންޏެވެ.

އުމުރުން 26 އަހަރުގެ ރޫނީ ވަނީ އެގައުމުގެ ކެޕްޓަންކަން އެއް މެޗުގައި ކޮށްފަ އެވެ. އެއީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ބްރެޒިލް އާއި ދެކޮޅަށް އިނގިރޭސި ގައުމީ ޓީމު ކުޅެ 1-0 ލަނޑުން ބަލިވި މެޗުގަ އެވެ.