ރާއްޖޭގައި ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖެހި އެންމެނަށް ދެވަނަ ޑޯޒް ޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ލިބުނު ކޮވިޝީލްޑް ވެކްސިންގެ އަދަދާ ނުބައްދަލުކޮށް، އެތައް ބަޔަކަށް ފުރަތަމަ ޑޯޒް ދިނުމުގެ ސަބަބުން، ގިނަ އަދަދެއްގެ ބަޔަކަށް ދެވަނަ ޑޯޒް ޖެހޭގޮތް އަދި ވަނީ ނުވެފަ އެވެ. އިންޑިއާގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލުން ނެއްޓި، ވެކްސިން އުފެއްދުމުގައި ދިމާވި ދަތިތަކާ އެކު ރާއްޖެއިން ގަތުމަށް އެއްބެސްވި ޝިޕްމެންޓް އަދިވެސް ގެނެވޭގޮތް ވަނީ ނުވެފަ އެވެ. ވެކްސިން ލިބުން ދަތިވުމާއެކު، ކޮވިޝީލްޑް ވެކްސިން ދިނުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

ރޭ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވީ ކުއްލިއަކަށް، ކުރިން އަންދާޒާކުރެވިފައި ނެތް ގޮތަށް ދިމާވި ކަމެއްގެ ސަބަބުން ކަމަށެވެ. އަދި އެހެން ދިމާވުމުން، މިހާރު ވެކްސިން ދިނުމުގައި އިތުރަށް ފަރުވާތެރިވާނެ ކަމަށެވެ.

"މިހާރު ސިނޮފާމްގެ ޖަހާފަ ތިބި އެންމެނަށް ވެސް ދެވަނަ ޑޯޒް ލިބޭނެ. އަދި އަޅުގަނޑުމެން އިތުރަށް، މި ކަންތައް ދިމާވި ގޮތުން ވެސް އަޅުގަނޑުމެން އެކަމަށް އިތުރު ފަރުވާތެރިކަމެއް ވެސް ދޭނަން. އެއީ އަޅުގަނޑުމެން ދެވަނަ ޑޯޒް އަންނާނެ ކަމުގެ އުންމީދުގައެއް ކަމެއް ނުކުރާނަން. އެއީ ކުއްލިއަކަށް ކަމެއް ދިމަވެދާނެ ދުނިޔޭގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޝީލްޑް ލިބުމުގައި ދިމާވެފައިވާ ދަތިކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އަދި އެސްޓްރާޒެނެކާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވެކްސިން ޖޫން މަސް ތެރޭ ފޯރުކޮށްދޭނެ ކަމުގެ އުންމީދު ވެސް ވަރަށް ބޮޑަށް އޮތް ކަމަށެވެ. ނަމަވެސް ވެކްސިން ގެނައުމަށް ކުރިން ލަފާކުރެވިފައިވާ ތާރީހަށް ވުރެ ލަސްވެދާނެކަމަށް ވިދާޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މުޅި ދުނިޔެއަށް ވެސް ވެކްސިން ލިބުމުގެ ދަތިތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. އަދި މިހާލަތުގައި ސަރުކާރުން އެސްޓްރާޒެނެކާގެ އިތުރުން އެހެން ގޮތްގޮތުން ވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ. އެގޮތުން އެކުވެރި ގައުމުތަކާއި، ކޯވެކްސް ފެސިލިޓީ އަދި ޑަބްލިއުއެޗްއޯމެދުވެރިކޮށް ވެސް ވެކްސިން ހޯދުމަށް މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.