26 May 2021, 15:15
ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒީ އާދަމް އާރިފް އާ ގުޅޭގޮތުން އެ ކޮމިޝަަނަށް ހުށަހެޅުނު ޝަކުވާ އަކާ ގުޅިގެން، މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސް ދިން ކަމަށެވެ.
އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ. އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 40 ވަނަ ބައްދަލުވުމުގަ އެވެ.
ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކުރުމުގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ އެވެ. އޭނާ ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލު ކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މީގެކުރިން ވެސް ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން ބެލި އެވެ.