މާފަންނު ބޮޑުގޭގައި އޮތް ހުސްބިމުގައި ހަދާ ޕާކިން ޒޯނުގައި ރާއްޖޭގެ ރީތިކަމާއި އިސްލާމީވަންތަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޓްވިޓާގައި އެދިލެއްވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމާއެކު، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބިޑުކުރުމަށް ނިންމައިފިއެވެ.

ޑރ. މުއިއްޒު ރޭ ވިދާޅުވީ އެފަދަ ކުރެހުމެއް ކުރަހަން ވޮލަންޓިއާ ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޑީއެމް ކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން މި ދަނޑިވަޅަކީ ކޮވިޑް19ގެ ހާލަތާ ގުޅިގެން، ފްރީލާންސް އާޓިސްޓުންނަށްވެސް މާލީ ގޮތުން ދަތި ދުވަސްވަރެއްކަމުން ކުރެހުމަށް ބޭނުންވާ ކުލައާއި ފިހި، ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒުގެ މި ޓްވީޓާއެކު "ބުރުހާ ޕެއިންޓުން" ގޭގެ ކުލި ދައްކައި ބިލުތައް ދެއްކޭނެތޯ ސުވާލު އުފައްދައި، ފާޑު ކިޔާފައި ވެއެވެ. އަދި އާޓިސްތުގެ ހުނަރާއި ކުރާ މަސައްކަތަށް އުޖޫރަ ދޭންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ އާޓިސްޓުންގެ ހުނަރަށް އުޖޫރަ ދޭންޖެހޭނެކަމަށް ވިދާޅުވެފައެވެ.

މި ފާޑުކިޔުންތަކަށް ފަހު މޭޔަރު ވިދާޅުވީ، ފާޑުކިޔުންތައް ބަލައިގަނެފައިވާ ކަމަށާއި، މިހާރު ނިންމާފައިވަނީ އޯޕަން ބިޑު އުސޫލުން އެ ސަރަހައްދުގައި ކުރެހުމުގެ މަސައްކަތް ކުރިއަށްގެންދަން ކަމަށެވެ.

"ޓެލެންޓަށް އުޖޫރަ ދޭނެކަމަށް ދަންނަވަން. އަޅުގަނޑުމެންގެ މަގުސަދަކީ އާޓިސްޓުންގެ ހުނަރު އެކްނޮލެޖު ނުކުރުމެއް ނޫން. މިއީ ފައިސާ ދީގެން ކުރާނެ ކަމަކަށް ވުމުން އޯޕަން ބިޑަކަށް ދާން ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

މާފަންނު ބޮޑު ގޭގައި ހުންނަ މިސްކިތާ އިންވެގެން އޮންނަ ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ.