ހިޔާ ފްލެޓް ތަކުގެ ފިނިޝިންގް މަސައްކަތް ކުރުމަށްޓަކައި ދާ ހަރަދުތައް ޕެންޝަން ފަންޑުން ހަމަޖެހޭނެ ގޮތެއް ހަދައިދިނުމަށް މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ހިޔާ ފްލެޓްގެ އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް އެ ފްލެޓްތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުން ފަދަ ނުނިމި ހުރި ފިނިޝިންގް މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ. މި މަސައްކަތަށް ބޮޑެތި ހަރަދުތަކެއް ދާއިރު އެ ފްލެޓްތަކުގެ ކުލި ދައްކަމުން އެވަރުގެ ބޮޑު ހަރަދުތަކެއް ކުރަންޖެހިފައިވާތީވެ ފްލެޓް ލިބިފައިވާ އެތައް ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން އެ ފްލެޓް ލިބިފައިވާ އާންމު ރައްޔިތުންގެ ޕެންޝަން ފަންޑްގެ ފައިސާއިން އެ މަސައްކަތަށް ހަރަދު ކުރުމުގެ އިހްތިޔާރު ދިނުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ.

މޭޔަރު މުއިއްޒު ހައުސިންގް މިނިސްޓަރުކަމުގައި ހުންނެވިއިރު ފެށި ހިޔާ މަޝްރޫއަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހިމެނޭ މަޝްރޫއު އެކެވެ. އެ ފްލެޓްތަކުގެ ތެރެއިން 6،720 ފްލެޓު ދިރިއުޅުމަށް ދޫކުރާއިރު ކޮންމެ އިމާރާތެއްގައި ވެސް އެންމެ ތިރީ އެޕާޓްމެންޓުތައް ވަނީ ކޮމާޝަލް ބޭނުމަށް ހާއްސަކޮށްފަ އެވެ.

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާންކޮށް ބައެއް ކެޓެގަރީތަކުން ފްލެޓްތަކުގެ ހައްގުވެރިންގެ މެދުގައި ގުރުއަތުވެސް ނަގައި ނިންމައިފައިވާއިރު ސަރުކާރުން ވަނީ ކުރިޔަށް އޮތް ޖޫން މަސް ތެރޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށޭވަރު ވާނޭކަމަށް ލަފާކޮށްފަ އެވެ. އެޗްޑީސީއިން ވަނީ ފްލެޓުގެ އެގްރީމަންޓުގައި ސޮއި ކުރުމަށާއި، ތަޅުދަނޑި ހަވާލު ކުރުމަށް އަދި ތާރީހެއް އިއުލާނު ކުރާނެ ކަމަށް ބުނެފަ އެވެ.