13 Feb 2012, 12:51
ބެޔާން މިއުނިކް ދޫކޮށް ދިއުމަށް ތައްޔާރަށް ހުރި ކަމަށް އެޓީމުގެ ކްރޮއޭޝިއާ ފޯވާޑް އިވިކާ އޮލިޗް ބުނެފި އެވެ.
ކުލަބު ދޫކޮށް އޮލިޗް ދިއުމަށް ތައްޔާރުވާ އެއް ސަބަބަކީ ޓީމުން ޖާގައެއް ނުލިބޭތީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
މިސީޒަނުގައި އުމުރުން 32 އަހަރުގެ ފޯވާޑް އޮލިޗް އަށް ބެޔާންގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ވަނީ ގިނަ ހުރަސްތަކަކާއި ކުރިމަތި ވެފަ އެވެ. މިސީޒަނުގައި އޭނާ އަށް އެޓީމަށް ކާމިޔާބު ކޮށްދެވިފައި ވަނީ އެންމެ ދެގޯލެވެ. މިސީޒަން ނިމުމުން ބެޔާން ދޫކޮށް ދާން ބޭނުން ކަމަށް އޮލިޗް ބުނެފައި ވެއެވެ.
"މިސީޒަން ނިމުމުން ބެޔާން ދޫކޮށް ދާން އަހަރެން ބޭނުން. އަހަރެންގެ އާއިލާއެއް އެބައޮތް. އަހަރެންގެ ދަރިން އެދަނީ ކިޔަވަމުން. އެހެން ކަމުން މެއި މަހު އަހަރެންގެ ކުރިމަގު ނިންމާނަން. ކޯޗަށް މިހާރު އެނގޭނެ އަހަރެންނަށް ކޮށްދެވޭނެ ކަންތައް. އަހަރެން ވާނީ ކުލަބަށް ފައިދާ ހުރި ކުޅުމެއް ދައްކާފައި. އަހަރެންނަކަށް ނޭނގޭ ޓީމުން ޖާގަ ނުލިބެނީ ކީއްވެ ކަމެއް." އޮލިޗް ބުންޏެވެ.
ހެމްބާގް އިން 2009 ވަނަ އަހަރު ބެޔާން އާއި ގުޅުނު އޮލިޗް ވަނީ އެޓީމަށް 65 މެޗު ކުޅެ 21 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.