އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، މަރުވެފައި ވަނީ 91 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 10:20 ގައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، މިއަދު މަރުވީ ހުޅުދޫ މީހެކެވެ.

މިއީ އައްޑޫ ސިޓީ އިން މި ބަލީގައި މަރުވި ދެވަނަ މީހާ އެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ރޭ އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 80 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 ގައި މަރުވި މީހުންގެ އަދަދު ވަނީ 145 އަށް އަރައިފަ އެވެ.

އިއްޔެ ޕޮޒިޓިވްވި 15 މީހުންނާއެކު، އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވް 190 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ. ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި 561 މީހަކު އެބަތިއްބެވެ.

އައްޑޫ ސިޓީގައި ކޮވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، ކާފިއު ހިންގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.