26 May 2021, 09:57
ވޮޝިންޓަން (26 މޭ) : އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހަތިޔާރު ހިފައިގެންތިބި ބަޔަކު އާއްމުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން 12 މީހުން މަރުވެ، 49 މީހުން ޒަޚަމްވެއްޖެ އެވެ.
އާއްމުންގެ ތެރެއަށް ބަޑިޖަހައި މީހުން މެރުމުގެ ޙަމަލާތައް ދިފައި ވަނީ ނިއުޖާޒީ، ދެކުނު ކެރޮލައިނާ، ޖޯޖިޔާ، އޮހާޔޯ އަދި މިނެސޯޓާ މިފަސް ސްޓޭޓްގެ އެކި ސަރަހައްދުތަކުގަ އެވެ. ދެކުނު ކެރޮލައިނާގައި ބަޑިޖަހާފައި ވަނީ ކޮންސެޓެއް ބަލަން ތިބި އާންމުންގެ ބަޔަކަށް އަމާޒުކޮށެވެ. މި ޙަމަލާގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު މަރުވެ 14 މީހަކު ޒަޚަމްވި އެވެ. ޖޯޖިޔާ ގައި ބަޑިޖަހާފައި ވަނީ އެޓްލާންޓާ ސަރަހައްދުގަ އެވެ. އެޓްލަންޓާގައި އާންމުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގައި ތިން މީހުން މަރާލާފައިވެ އެވެ.
އޮހާޔޯގައި ބަޑިޖަހާފައި ވަނީ ކޮލަމްބަސް ސަރަހައްދުގެ ޕާކެއްގެ ތެރޭގައި މަޖާކުރަންއުޅުނު ބަޔަކަށް އަމާޒުކޮށެވެ. މި ޙާދިސާގައި 16 އަހަރުގެ އަންހެން ކުއްޖަކު މަރުވެ، އިތުރު ހަތް މީހަކު ޒަޚަމްވެފައިވާ އިރު، އެ ސްޓޭޓްގެ ޔަންގްސްޓައުން ސަރަހައްދުގެ ރާވިއްކާ ފިހާރއަކަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާތަކެއްގައި ތިން މީހުން މަރުވެ، އަށް މީހުން ވަނީ ޒަޚަމްވެފަ އެވެ.

ބަޑިޖަހައި ބަޔަކު މަރަލި ތަނެއްގައި އެމެރިކާގެ ފުލުހުން ހަރަކާތްތެރިވަނީ
މި ފަސް ސްޓޭޓްގައި ބަޑީގެ ޙަމަލާތައް ދީފައިވަނީ މިދިޔަ އާދީއްތަ ދުވަހާއި ހޯމަދުވަހު އެވެ. އާއްމު ތަންތަނުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް ބަޑިޖަހައި މީހުން މެރުމަކީ އެމެރިކާގައި މިހާރު ވަރަށް އާންމު ކަމަކަށް ވެފައިވާއިރު މިކަމުގެ ސަބަބުން އާންމުންގެ ފުރާނައަށް ނުރައްޚާވެ އެމެރިކާގެ ވަނީ ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފަ އެވެ. މިއާއެކު ދާޚިލީ ޓެރަރިޒަމް ވެސް އެމެރިކާގައި ކަންބޮޑުވާ ވަރަށް އިތުރުވަމުންދާ ކަމަށް ބުނެ އެމެރިކާގެ އަމަނާބެހޭ ފަރާތްތަކުން ގެންދަނީ އިންޒާރުގެ މެސެޖްތައް ދެމުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އާއްމުންގެ ތެރެއަށް ބަޑިޖަހައި މީހުން މެރުމުގެ ހާދިސާތައް އިތުރުވަމުންދާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ކުރިން ބައިޑެން ވަނީ މިއީ އެމެރިކާއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަމަށް ސިފަކުރައްވާފަ އެވެ.
އާންމުންގެ ތެރެއަށް ބަޑިޖެހުމުގެ ހާދިސާތައް އެމެެރިކާގައި އިތުރުވަމުންދާތީ އާންމުން ހަތިޔާރު ގެންގުޅުން މަނާކުރުމަށް ގޮވާލާ ގޮވާލުންތައް އެމެރިކާގައި ދަނީ އިތުރުވަމުންނެވެ. އެމެރިކާގެ ދަސްތޫރުގައި ބަޑިއާއި އެނޫން ވެސް ހަތިޔާރު އާންމުން ގެންގުޅުމުގެ ހުއްދަ ދެއެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ގިނަ ރައްޔިތުންނަކީ ހަތިޔާރު ގެންގުޅޭ މީހުންނެވެ. (ނޫސްއެޖެންސީތައް)