މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އެޓީމުން ފެނިދާނެކަމުގެ އިޝާރާތެއް އެކުލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ ދީފި އެވެ.

ބެޔާން މިއުނިކާއި ދެކޮޅަށް މެންސިޓީ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ކުޅެން އެރުމަށް ދެކޮޅު ހެދުމުގެ މައްސަލައަށް ފަހު، އެޓީމުން ޓެވޭޒް ފެނިފައެއް ނުވެ އެވެ. އެމައްސަލައާއި ގުޅިގެން ޓެވޭޒް ވަނީ މެންސިޓީ އަށް ކުޅެން ބޭނުންނުވާ ކަމަށް އެތައް ފަހަރެއްގެ މަތިން ހާމަކޮށްފަ އެވެ.

"ޓެވޭޒް އަކީ މޮޅު ކުޅުންތެރިއެއްކަން އެންމެން ވެސް ދަންނާނެ. ކުލަބާއި އެކު އޭނާ ހުރި ނަމަ ޓީމަށް ގިނަ ފައިދާތަކެއް ލިބުނީސް. އޭނާ އަށް ގިނަ މެޗުތަކެއްގެ ނަތީޖާ ބަދަލު ކޮށްލެވިދާނެ. އަންނަ ހަފްތާ ކުލަބާ ގުޅިއްޖެ ނަމަ، ސީޒަނުގެ ބާކީ އޮތް ތިން މަސް ދުވަހު އޭނާ އަށް މިޓީމަށް އެހީތެރިވެވިދާނެ." މަންޗިނީ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި އެއް ކުޅުންތެރިއަކީ ޓެވޭޒް އެވެ. ޓެވޭޒް މިވަގުތު ހުރީ އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އާޖެންޓީނާގަ އެވެ.