ރާއްޖޭގައި ކޮވިޑް-19 މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވެފައި އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންނަމަވެސް އޭޕްރިލް މަހުގެ ކުރީކޮޅު ދެވުނު ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އޭޕްރިލް މަހުގައި ދެވުނު ލުއިތަކަކަކީ ކޭސްތައް އިތުރުވުމަށް މެދުވެރި އެއް ސަބަބަށް ވެދާނެ ކަމަށެވެ. އަދި އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށާއި އެއީ ގޯސްކޮށް ހިނގިކަމެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އޭޕްރިލް މަހު ދިން ލުއިތައް ދޭންޖެހުނީ ލޮކްޑައުންއަކަށް ދިޔުމުން ކުރިމަތިވާ ދަތިތަކަށް ފަސޭހަ އެއް ގެނައުމަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް މިވަގުތަކީ އެކަމުގައި އިހުމާލުވަނީ ކޮން ބައެއްތޯ ބަލައި އެއް ބަޔަކު އަނެއް ބަޔަކު އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ ކުރިންވެސް އަޅުގަނޑުމެން ކޮންޓްރޯލްކުރިން މިގޮތަށް. އެހެންނަމަވެސް އޭރު އަޅުގަނޑުމެން ލުއިތަކެއް ދޭން ޖެހުނީ، ލޮކްޑައުންއަކަށް ދިޔައިމާ، އެލިބޭ ދަތިތަކާ އުނދަގޫތައް، ރައްޔިތުން އެ ތަހައްމަލުކުރަންޖެހޭ އެ އުނދަގޫތަކަކީ، އެޔަކީ އެހާ ފަސެހަކަމަކަސް އަޅުގަނޑުމެންނަކަށް ނުވި. އެހެންވީމަ ބެލެންސްއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް މިކަން ގެންގުޅެވޭތޯ ބެލީ،" ރައީސް ވިދާޅުވި އެވެ.

"ތިވިދާޅުވާހެން އޭޕްރިލް މަހުގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް ދެވުނު ލުއިތައް، އެޔަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އޭގައި އެ ޒިންމާ ކޮންމެހެން ވަކި ބައެއްގެ ބޮލުގައި އަޅުވާކަށް އަޅުގަނޑުމެންނެއް ނެތިން. އެހެންނަމަވެސް އެކަން ރަނގަޅުކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ލުއިތަކާއެކީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރުކުރުން ފަސޭހަވެ، މާލެ ތެރޭގައިވެސް އެކަކު އަނެކަކާއި ބައްދަލުވެ ދިމާވުމަށް ފުރުސަތު އިތުރުވެގެންދިޔަކަމަށް ވިދާޅުވަމުން އެއީ ބަލި މިވަރަށް ފެތުރެން މެދުވެރިވި އެއް ސަބަބަށް ވެދާނޭކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެންނަމަވެސް ހަމަ އެ ދުވަސްވަރު ރާއްޖެއަށް ބަލީގެ އާ ވޭރިއެންޓްއެއް އައުންވެސް އެއީ ބަލި ފެތުރެން މެދުވެރިވި އިތުރު ސަބަބެއް ކަމުގައި ވެދާނޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކޮވިޑް މެނޭޖުކުރުމުގައި ފެއިލްވެފައިވާކަމަށް އަދިވެސް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވަމުން ރައީސް ވަނީ އަދި މިހާރު މި އޮތް ހާލަތުން އަރައިގަތުމަށް ފިޔަވަޅުތައް ވަރުގަދަކޮށްގެން ކޭސްތައް ދަށްކުރެވިދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކަށް ވެސް ގޯސް ހެދޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބަލަނީ ހެދޭ ގޯސްތަކުން އިބުރަތް ލިބިގަނެ ކަންކަން ރަނގަޅު ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ފެއިލްނުވެ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޮވިޑް މެނޭޖުކުރުމުގައި ފެއިލްވެފައި އޮތްކަމަކަށް އަދިވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އިރާދަކުރެއްވިއްޔާ ފެއިލް ނުވެ އަރައިގަންނާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އެޗްޕީއޭއިން ވަނީ ކަރަންޓީނު ނުވެ ރަށްރަށަށް ގޮސް ކެމްޕޭނު ކުރެވޭގޮތަސް ހުއްދަދީފަ އެވެ. އެޔާއިއެކު މަޑުމަދުން ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވަމުންގޮސް މޭ މަސް ތެރޭގައި ވަނީ އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 1،000 އަށް ވުރެ ގިނަ ކޭސް ފެންނަން ފަށައިފަ އެވެ. ރާއްޖޭގެ ބައެއް ސިއްހީ މާހިރުން ވަނީ މިފަހަކަށް އައިސް އިތުރުވެފައިވާ ކޭސްތަކާއިއެކު ރާއްޖޭގައި ބަލީގެ އާ ވޭރިއެންޓެއް އުޅޭކަމަށްވެސް ލަފާކޮށްފަ އެވެ. މިވަގުތު ރާއްޖޭގައި އެކްޓިވް 24،000 އަށް ވުރެ ގިނަ ކޮވިޑް-19 ކޭސް އެބަ ހުއްޓެވެ. އަދި ބަލީގައި މޭ މަހު އެކަނިވެސް ވަނީ 70 އާއި ގާތްކުރާ އަދަދަކަށް މީހުން ނިޔާވެފަ އެވެ.