ހުޅުމާލޭގައި 270 އެނދުގެ އިތުރު މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިހާރުވެސް 276 އެނދުގެ ކޮވިޑް ފެސިލިޓީއެއް މިހާރުވެސް ހުރެއެވެ. ނަމަވެސް އެތަނުގައި ޖާގަ ކުޑަވުމާއި ހިދުމަތުގެ ފެންވަރު ދަށްވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ހުޅުމާލޭގައި މިހާރު ގައިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އިތުރު ފެސިލިޓީއެއް ހުޅުމާލޭގައި ގައިމް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުޅުމާލޭގައި އިތުރު 270 އެނދުގެ ފެސިލިޓީއެއް ގައިމްކުރުމަށް އެބަ މަސައްކަތް ކުރަން" ރައީސް ވިދާޅުވި އެވެ.

މިހާރު ހުރި ފެސިލީގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ ކަންކަންވެސް ރައީސް ހާމަކޮށްދެއްވި އެވެ. އެގޮތުން މިހާރު އެތަނުގައި ތިބީ 116 ނަރުހުން ކަމަށާއި މިހާރު ދިވެހި އިތުރު ނަރުހުން އެތަނުގައި މަސައްކަތް ކުރުމަށް ހޯދަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ނަރުސްކަން ކިޔަވާ 144 ދަރިވަރަކާ މިހާރުވެސް ވާހަަކަ ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް [ނަރުސް] ކުދިން އެތަނުގައި މަސައްކަތް ކުރުމަށް އެބަސްވެއްވެ، އެކަމަށް ނުކުންނަމުންް އެދަނީ. މިހާރު 14 ކުއްޖަކު މަސައްކަތައް ނުކުމެއްޖެ. އިރާދަކުރެއްވިޔާ އިތުރު 15 ކުއްޖަކު ދެ ދުވަސް ތެރޭ ނުކުންނާނެ،"

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް، ހުޅުމާލެ މެޑިކަލް ފެސިލީޓީގައި އެޓެންޑެންސްގެ ގޮތުގައި 62 މީހަކާއި 31 މީހަކާއެކު ކޯލް ސެންޓަރެއް މިހާރު ވަނީ ގާއިމްކުރެވިފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އެތާ ތިބޭ ބަލި މީހުންގެ އާއިލާތަކުން ގުޅާ ފޯނުތަކަށް ޖަވާބުދީ، ބެލިނިވެރިކަމުގައި ތިބި ފަރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެތަނުގައި ތިބޭ މިހުންނަށް ސޯޝަލް ކެއާ ދިނުމަށް ޖެންޑާ މިނިސްޓްރީގެ 20 މީހުންވެސް މިހާރު ތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.