އަންނަ ޖޫން މަހުގެ ތެރޭގައި އެސްޓްރާ ޒެނެކާ ވެކްސިން ރާއްޖެ ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވެކްސިން ޖޫން މަސް ތެރޭ ފޯރުކޮށްދޭނެކަމުގެ އުންމީދު ވަރަށް ބޮޑަށް އޮތް ނަމަވެސް ވެކްސިން ގެނައުމަށް ކުރިން ލަފާކުރެވިފައިވާ ތާރީހަށްވުރެ ލަސްވެދާނެކަމަށެވެ.

"އެންމެ ފުރަތަމަ އޮތީ ޖޫން ކުރީކޮޅުގައި އަޅުގަނޑުމެންނަށް ލިބޭ ގޮތަށް އަޅުގަނޑުމެން ވަރަށް ކޮމްފަޓެބަލްކޮށް ތިބީ. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ ޖޫންމަހުގެ ކުރީކޮޅުގައި ލިބޭނެކަމަކަށް. އެހެންނަމަވެސް ޖޫންމަހުގެ ތެރޭގައި ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

އެސްޓްރާޒެނެކާއިން ވެކްސިން ލިބުމުގައި ލަސްތަކެއް އުޅެނީ އެ ކުންފުނިން ރާއްޖެއަށް ވެކްސިން ފޮނުވޭނެ ގޮތެއް ހަމަނުޖެހިގެންކަމަށް ވިދާޅުވަމުން އެސްޓްރާޒެނެކާއިން ވެކްސިން ޝިޕްމެންޓް ކްލިއާ ކުރުމުގެ މަސައްކަތްވެސް ރާއްޖޭގައި ހުންނަ އެކުންފުނީގެ އެޖެންޓާއި ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފަ އެވެ.

"އެހެންނަމަވެސް އަދިވެސް އެބޭފުޅުނަށް މިކޮޅަށް ޝިޕްކުރެވޭނެ ގޮތެއް ހަމަނުޖެހިގެން އެކަންތައް ނުނިމިގެން އެއުޅެނީ.އެހެންވީމަ އެބޭފުޅުންވެސް އެ މަސައްކަތްތަކެއް އެބަ ކުރައްވާ. އަޅުގަނޑުގެ އުންމީދަކީ ޖޫންމަހުގެ ތެރޭގައި އެބޭފުޅުން ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް މި ލިބުން،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މުޅި ދުނިޔެއަށްވެސް ވެކްސިން ލިބުމުގެ ދަތިތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. އަދި މިހާލަތުގައި ސަރުކާރުން އެސްޓްރާޒެނެކާގެ އިތުރުން އެހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެކުވެރި ގައުމުތަކާއި، ކޯވެކްސް ފެސިލިޓީ އަދި ޑަބްލިއުއެޗްއޯމެދުވެރިކޮށްވެސް ވެކްސިން ހޯދުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ކުރިޔަށް އޮތްތަނުގައިވެސް މި ވެކްސިން ހޯދުމަށް އަޅުގަނޑުމެން ހަމަ ބުރަ މަސައްކަތްތަކެއް ކުރާނަން. އިރާދަކުރެއްވިއްޔާ އެކި ގައުމުތަކަށް، ޑަބްލިއުއެޗްއޯއިންނާއި އަދި އެހެން ގައުމުތަކުން މި ފޯރުކޮށްދޭ އެހީގެ ގޮތުންނާއި އަޅުގަނޑުމެން ފައިސާ ދައްކައިގެން މި ގަންނަ ވެކްސިން ލަސްތަކެއް ނުވެ ހޯދުމުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ އަބާދީގެ 35 ޕަސެންޓްއަށް ވެކްސިން ދެވިފައިވާކަމަށާއި އަދި އެކަމަށްޓަކައި ޝުކުރުވެރިވާކަމަށްވެސް ވިދާޅުވެފަ އެވެ.