25 May 2021, 23:06
ރާއްޖެއިން މިއަދު އަލަށް 1،004 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ރައީސް އޮފީހުން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު މެމްބަރު ޑރ. ނަޒްލާ މުސްތަފާ ލުތުފީ ވިދާޅުވީ މިއަދު އަލަށް 1،004 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރެއިން 835 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި 153 މީހަކު އަތޮޅު ތެރޭ އެހެން ރަށްތަކުން ޕޮޒިޓިވްވިއިރު 12 މީހަކު ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. މީގެ އިތުރުންވެސް ހަތަރު ފަރާތެއް ވަނީ ލިވްއަބޯޑްތަކުން ޕޮޒިޓިވްވެފަ އެވެ.
ޑރ. ނަޒްލާ އިއުލާންކުރެއްވި އާ ޕޮޒޮޓިވްވި ކޭސްތަކާއިއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 24،033 ގަ އެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކަކީ 4،030 ސާމްޕަލްއިން ޕޮޒިޓިވްވި ކޭސްތަކެކެވެ. ޑރ. ނަޒްލާ އިތުރަށް ވިދާޅުވިގޮތުގައި މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން 240 ފަރާތަކީ އުމުރުން 18 އަހަރުން ދަށުގެ ފަރާތްތައް ކަމަށާއި 41 ފަރާތަކީ އުމުރުން 65 އަހަރުން މަތީގެ ފަރާތްތައް ކަމަށެވެ.
މިއަދު ފެނުނު ކޭސްތަކާއިއެކު މިހާތަނަށް ރާއްޖެއިން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ހުރީ 58،345 ގަ އެވެ. އެޗްޕީއޭއިން ފަހުން އިއުލާންކުރި ގޮތުގައި ކޮވިޑް-19 ޖެހިފައިވާ 289 މީހަކަށް ދަނީ މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
އެޗްޕީއޭއިން ތަފާސްހިސާބުތަކުން ދައްކުވައިދޭގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 1،023 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެއާއިއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 34،159 އަށް އަރައިފަ އެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 144 މީހަކު ވަނީ ނިޔާވެފަ އެވެ.
ޑރ. ނަޒްލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖުމްލަ 78 ރަށެއް މިވަގުތު މޮނިޓަރިންގްގައި އޮތް އިރު މިއަދު އއ. ތޮއްޑޫ އަދި ރ. ދުވާފަރު ވަނީ މިއަދު މޮނިޓަރިންގްއަށް ގެނެވިފަ އެވެ.