25 May 2021, 22:51
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވީ މިދިޔަ އޭޕްރީލް މަހު ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފި އެވެ.
އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކްލަ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އޭރު ބޮޑެތި ލުއިތަކެއް ދިނެވެ. އެގޮތުން އެންމެ ބޮޑު ލުޔެއްގެ ގޮތުގައި ދީފައިވަނީ، މާލެއިން ވޯޓުލުމަށްޓަކައި ރަށްރަށަށް ދިޔުމުގެ ފުރުސަތު ދިނުމެވެ. އެއާއެކު ގިނަ ރަށްތަކަށް ބަލި މިހާރު ވަނީ ފެތުރިފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެޕްރީލް މަހު ވައިރަހަށް ބެލުމެއް ނެތި ދިން ލުއިތަކަކީ ހެދުނު ގޯހެއް ކަމަށް އެބަސްވާ ކަމަށެވެ. އަދި އެއީ ކޮވިޑްގެ ހާލަތު މިހާ ގޯސްވުމުގެ އެއް ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭޕްރިލް މަހުގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް ދެވުނު ލުއިތައް އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އޭގައި އެ ޒިންމާ ކޮންމެހެން ވަކި ބައެއްގެ ބޮލުގައި އަޅުވާކަށް އަޅުގަނޑުމެންނެއް ނެތިން. އެހެންނަމަވެސް އެކަން ރަނގަޅުކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ފިޔަވަޅުތަކަށް އިންތިހާބާ ދިމާކޮށް ލުއި ދިނުމަކީ ހެދުނު ގޯހެއް ކަމަށް އެއްބަސްވި ނަމަވެސް، ކޮވިޑް މެނޭޖް ކުރުމުގައި ފެއިލް ނުވާ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި މިހާރު މިއޮތީ ދަތި އުދަނގޫ ވަގުތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮވިޑުގެ މެނޭޖް ކުރުމުގައި ފެއިލްވެފައި އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ ކުރިމަތިވެފައިވާ ދަތި އުދަނގުލުން އަރާގަންނަ ގިނަ މަސައްކަތް ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
މިހާރު ކޮންމެވެސް ވަރަކަށް ބަލި ފެތުރުން ހިފެހެއްޓިފައިވާ ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުރިހާ ރައްޔިތުންވެސް ފިޔަވަޅުތަކަށް އަމަލުކޮށް، ރައްކާވެތިބުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އިންތިހާބަށް ދިން ލުއިތަކާއެކު ހާއްސަ ހުއްދައިގެން ދަށުން ރަށްރަށަށް ގޮސް، ބައެއް މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ވޯޓުލުމަށް ކަރަންޓީންއާ ނުލާ ރަށްތަކަށް ދެވޭ ގޮތް ހެދުމުން އެރަށްތަކަށް ވެސް ކޮވިޑް ވަނީ ފެތުރިފައެވެ. ރަށްތަކަށް ކޮވިޑް ފެތުރި، މުޅި ރާއްޖެއަށް ބަލި ފެތުރި މިހާރު 70އަށް ވުރެ ގިނަ ރަށް އޮތީ ބަންދުކޮށްފައެވެ. ފިޔަވަޅުތައް ވަރުގަދަކޮށް، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހުރިހާ ރަށެއްގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.
މާލެ ސީޓީގައި ބަލި ފެތުރުން ހުޓުވުމަށް މާލޭ ސިޓީގެ ކާފިއުގެ ވަގުތު ހަވީރު 4:00އިން ރޭގަނޑު 8:00އަށް ކާފިއު ވަނީ އިތުރުކޮށްފައެވެ. އަދި އެނޫން ގަނޑިތަކުގައިވެސް ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައަކާ އެކުއެވެ. ކޮންމެ ގެއަކަށް ލިބެނީ ދެ ވަގުތަކަށް ދެ ހުއްދަ އެވެ.