25 May 2021, 22:49
ކޮވިޑުގެ ހާލަތު އަނެއްކާ ވެސް ގޯސްވެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ވިޔަފާރިތަަކަށް ލިބޭ ގެއްލުމަށް އެހީވުމަށް ސަރުކާރުން ލުއި ލޯނުތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.
ފިޔަފާރިތަކަށް މަލީ ގޮތުން އެހީތެރިވުމަށް މިދިޔަ އަހަރުވެސް ބީއެމްއެލްއިން ސްޓިމުލަސް ލޯން ޕެކޭޖް ދޫކުރި އެވެ.
މިރޭ ރައީސް އޮފީހުގައި އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ބީއެމްއެލް އިން ވިޔަފާރިތަކަށް ދިން ލޯނުތައް މިއަހަރުވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެގޮތުން ޖޫން މަހު 375 މިލިއަން ރުފިޔާގެ ލޯނު، އެ ވިޔަފާރިތަކަށް ދޫކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 375 މިލިއަން ރުފިޔާ، އެއީ 20 މިލިއަން ޔޫރޯ ފެސިލިޓީއެއް [ސްޓިމުލަސް ރިކަވަރީ ލޯން ޕެކޭކްޖް] މިދަނީ ހަމަޖެހެމުން. ޖޫން މަސް ތެެރޭ އިރާދަކުރެއްވިއްޔާ އެކަން ފެށިގެން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް ފުރަތަމަ ރާއްޖެއަށް ފެތުރިގަތް އިރު، ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި އޭރު ވިޔަފަރިތަކަށް ލޯނު ދޫކުރި އެވެ. ރައީސް ވިދާޅުވީ، މިއަހަރުވެސް ކޮވިޑް ރިލީފް ލޯނު ދުކުރާން ފަށާނެ ކަމަށެވެ.
"ސޮފްޓް ލޯނުތައް ދޫކުރަން ވަރަށް އަވަހަށް ފަށާނަން. އޭގެ ތެރޭގައި، ކެފޭ، ރެސްޓޯރެންޓް، ޖިމް، ސެލޫން، އަދި ވޯކްޝޮޕް ފަދަ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން،" ރައީސް ވިދާޅުވި އެވެ.
އެ ލުއިތަކުގެ އިތުރުން، ފެނާއި ކަރަންޓު ބިލުންވެސް ލުއި ދިނުމަށް ނިންމާފައިވާ ކަން މިރޭ ރައީސް އިއުލާން ކުރިއެވެ. އެގޮތުން މުޅި ރާއްޖޭގެ ހުރިހާ ގެތަކަށް ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓް އަދި ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށެވެ. އަދި ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުން 20 ޕަސަންޓު ޑިސްކައުންޓު ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ކުރަނީ ހަމަ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ސަަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން، އިތުރު އެހީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް ބަލި މިހާ ބޮޑަށް ފެތުރިގަތީ އެޕްރީލް މަހު ދިން ލުއިތަކުގެ ސަބަބުން ކަން މިރޭ ރައީސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް، އެޕްރީލް މަހާ ދިމާކޮށް ގިނަ ލުއިތަކެއް ސަރުކާރުން ދިނެވެ. އެގޮތުން، ކޮވިޑް އޮތް މާލެއިން ރަށްތަކަށް ކަރަންޓީންއާ ނުލާ މީހުން ދިޔުމަށް ފުރުސަތު ދިނުމުން ގިނަ ރަށްތަކަށް ވަނީ ބަލި ފެތުރިފައެވެ. ރައީސް ވިދާޅުވި ކޮވިޑްގެ ހާލަތު ގޯސްވި އެއް ސަބަބަކީ އެއީއެވެ.
މުޅި ރާއްޖެއަށް ބަލި ފެތުރި މިހާރު 70އަށް ވުރެ ގިނަ ރަށް އޮތީ ބަންދުކޮށްފައެވެ. ފިޔަވަޅުތައް ވަރުގަދަކޮށް، މިހާރު އެ ރަށްްތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. އޭގެ އިތުރުން މާލެ ސީޓީގައި ބަލި ފެތުރުން ހުޓުވުމަށް މާލޭ ސިޓީގެ ކާފިއުގެ ވަގުތު ހަވީރު 4:00އިން ރޭގަނޑު 8:00އަށް ކާފިއު ވަނީ އިތުރުކޮށްފައެވެ. އަދި އެނޫން ގަނޑިތަކުގައިވެސް ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައަކާ އެކުއެވެ. ކޮންމެ ގެއަކަށް ލިބެނީ ދެ ވަގުތަކަށް ދެ ހުއްދަ އެވެ.