ސްޕެއިންގެ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވެނީސް އެޓީމު ދޫކޮށް އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ނުދާނެ ކަމުގައި އޭނާގެ އެޖެންޓް ބުނެފި އެވެ.

ހިގުއައިން އަށް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ރެއާލްގެ ފޯވާޑް ލައިނުން ޖާގަ ހޯދުމެވެ. ރެއާލްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އާއި ވާދަކޮށް، ހިގުއައިން އަށް ވަނީ އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް މަޖުބޫރު ވެފައެވެ.

ހިގުއައިން ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުންދާ އެއް ޓީމަކީ އިނގިރޭސި ވިލާތުގެ ޗެލްސީ އިންނެވެ. ދެފަހަރެއްގެ މަތިން ހިގުއައިން ހޯދުމަށް ޗެލްސީ އިން މަސައްކަތް ކޮށްފައި ވެއެވެ. ރެއާލް ދޫކޮށް ދާން އުޅޭ ކަމުގެ ރިޕޯޓްތަކެއް ވެސް ދާދި ފަހުން އާންމު ވެފައި ވެއެވެ.

"އިތުރު ބައެއްގެ ހުށަހެޅުމަށް އަދި ހިގުއައިން އަކަށް ނުލިބޭ. ރެއާލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވެނީސް ކުލަބު ދޫކޮށެއް ހިގުއައިން އެއް ނުދާނެ." ހިގުއައިންގެ އެޖެންޓް ބުންޏެވެ.

މިސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލް އަށް ކުޅުނު 19 މެޗުން ހިގުއައިން ވަނީ 14 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.