ކޮވިޑުގެ ބަލި ކޮންޓްރޯލް ނެއްޓި، އަނެއްކާ ވެސް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ފެނާއި ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ގެތަކަށް ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓް އަދި ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށެވެ.

އޭގެ އިތުރުން ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުންވެސް ލުއި ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުން 20 ޕަސަންޓު ޑިސްކައުންޓު ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ކުރަނީ ހަމަ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ސަަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން، އިތުރު އެހީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް ފުރަތަމަ ރާއްޖެއަށް ފެތުރިގަތް އިރު، ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި އޭރު ވިޔަފަރިތަކަށް ލޯނު ދޫކުރި އެވެ. ރައީސް ވިދާޅުވީ، މިއަހަރުވެސް ކޮވިޑް ރިލީފް ލޯނު ދުކުރާން ފަށާނެ ކަމަށެވެ.

"ސޮފްޓް ލޯނުތައް ދޫކުރަން ވަރަށް އަވަހަށް ފަށާނަން. އޭގެ ތެރޭގައި، ކެފޭ، ރެސްޓޯރެންޓް، ޖިމް، ސެލޫން، އަދި ވޯކްޝޮޕް ފަދަ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި ލަސް އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޖޫން މަސް ތެރޭ އެ ލޯނުތައް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 375 މިލިއަން ރުފިޔާ، އެއީ 20 މިލިއަން ޔޫރޯ ފެސިލިޓީއެއް [ސްޓިމުލަސް ރިކަވަރީ ލޯން ޕެކޭކްޖް] މިދަނީ ހަމަޖެހެމުން. ޖޫން މަސް ތެެރޭ އިރާދަކުރެއްވިއްޔާ އެކަން ފެށިގެން،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް ބަލި މިހާ ބޮޑަށް ފެތުރިގަތީ އެޕްރީލް މަހު ދިން ލުއިތަކުގެ ސަބަބުން ކަން މިރޭ ރައީސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް، އެޕްރީލް މަހާ ދިމާކޮށް ގިނަ ލުއިތަކެއް ސަރުކާރުން ދިނެވެ. އެގޮތުން، ކޮވިޑް އޮތް މާލެއިން ރަށްތަކަށް ކަރަންޓީންއާ ނުލާ މީހުން ދިޔުމަށް ފުރުސަތު ދިނުމުން ގިނަ ރަށްތަކަށް ވަނީ ބަލި ފެތުރިފައެވެ. ރައީސް ވިދާޅުވި ކޮވިޑްގެ ހާލަތު ގޯސްވި އެއް ސަބަބަކީ އެއީއެވެ.

މުޅި ރާއްޖެއަށް ބަލި ފެތުރި މިހާރު 70އަށް ވުރެ ގިނަ ރަށް އޮތީ ބަންދުކޮށްފައެވެ. ފިޔަވަޅުތައް ވަރުގަދަކޮށް، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހުރިހާ ރަށެއްގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. އޭގެ އިތުރުން މާލެ ސީޓީގައި ބަލި ފެތުރުން ހުޓުވުމަށް މާލޭ ސިޓީގެ ކާފިއުގެ ވަގުތު ހަވީރު 4:00އިން ރޭގަނޑު 8:00އަށް ކާފިއު ވަނީ އިތުރުކޮށްފައެވެ. އަދި އެނޫން ގަނޑިތަކުގައިވެސް ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައަކާ އެކުއެވެ. ކޮންމެ ގެއަކަށް ލިބެނީ ދެ ވަގުތަކަށް ދެ ހުއްދަ އެވެ.