25 May 2021, 17:42
ކަވަރައްތި (މެއި 25): ރާއްޖޭގެ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބު ޔޫނިއަން ޓެރިޓަރީގެ އާ އެޑްމިނިސްޓްރޭޝަނުން އެ ސަރަހައްދުގައި ބަނގުރާ ހުއްދަކޮށް ގެރިމަސް މަނާކުރުމުން އެ ސަރަހައްދުގެ އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރު ގޮތަށް ސީދާ މައި ސަރުކާރުގެ ބާރު ހިނގާ ލަކްޝަދީބަށް އާ އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ ޕްރަފުލް ޕަޓޭލް އެވެ.
ލަކްޝަދީބު ޓެރިޓަރީގައި ހިމެނޭ މީހުން އުޅޭ 10 ރަށުގެ ތެރޭގަައި މީގެ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މިނިކޮއި ނުވަތަ މަލިކު ހިމެނެ އެވެ. އެ ރަށުގެ މީހުންނަކީ މުސްލިމުން ކަމަށްވާއިރު އެ މީހުން ވާހަކަ ދައްކަނީވެސް ދިވެހިބަހުންނެވެ. އަދި ދިވެހިންގެ ގިނަ އާދަތަކާއި ސަގާފަތްތައް އެ މީހުން އަދިވެސް ގެންގުޅެ އެވެ. މީގެ އިތުރުން މުޅި ލަކްޝަދީބުގެ 64،473 މީހުންގެ އާބާދީގެ ތެރެއިން ގިނަ މީހުންނަކީ ސުންނީ މުސްލިމުންނެވެ.
ލަކްޝަދީބުގެ ސިޔާސަތުތަކަށް ޕަޓޭލް ގެންނަވާ ބަދަލުތަކުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ވިދާޅުވެ ރާ ބުއިމާއި ވިއްކުން ހުއްދަ ކުރުން ހިމެނެ އެވެ. އެއީ 97 ޕަސެންޓު މުސްލިމް އާބާދީއެއް އޮންނަ އެ ސަރަހައްދުގައި މީގެ ކުރިން މަނާ ކަމެކެވެ. އަދި ލަކްޝަދީބުގައި ގެރި ކަތިލުމާއި އޭގެ މަސް ގަތުމާއި ވިއްކުން މަނާ ކުރުމަށް މިހާރު ޑްރާފްޓް ގާނޫނެއް އެކުލަވާލާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ކޮވިޑްގެ އެންމެ ކޭހެއްވެސް ފެނިފައި ނުވާ ލަކްޝަދީބުން ބަލީގެ ފުރަތަމަ ކޭސް ފެނުނީ ޖެނުއަރީ މަހެވެ. އެއީ އެ ސަރަހައްދަށް ދާ މީހުން ކަރަންޓީނުވުމުގެ ގަވާއިދުތައް ޕަޓޭލް ލުއި ކުރެއްވުމުން ކަމަށާއި މިހާރު ލަކްޝަދީބުން ބަލި ޖެހިފައިވާ މީހުންގެ އަދަދު 6،000އަށް އަރާފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ލީޑަރެއް ކަމަށްވާ އެމްއެޗް ސައީދު ވިދާޅުވި އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި މީގެ ކުރިން ލަކްޝަދީބު ތަމްސީލު ކުރެއްވި ސައީދު އަދި ވިދާޅުވި ގޮތުގައި ޕަޓޭލް އެކުލަވާލައްވާފައިވާ ބިމާ ބެހޭ ޑްރާފްޓް ގަވާއިދަކާ ބެހޭ ގޮތުންވެސް ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެ ގަވާއިދުގެ ދަށުން ތަރައްގީގެ ގޮތުގައި ސިފަކޮށްފައިވާ 'އިމާރާތް ކުރުމާއި އިންޖިނިއަރިން އާއި މައިން' ކުރުން ފަދަ މަސައްކަތްތަކަށް މީހުންގެ ބިން އަތުލުން ސަރުކާރަށް ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށްތަކުގެ ރައްޔިތުން ވަނީ އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުމާ ބެހޭ ގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ޕަޓޭލްއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އިންޑިއާގައި ކުށުގެ ރޭޓު އެންމެ ދަށް އެއް ސަރަހައްދު ކަމަށްވާ ލަކްޝަދީބުގައި ޕްރިވެންޝަން އޮފް އެންޓި-ސޯޝަލް އެކްޓިވިޓީސް އެކްޓް ނުވަތަ ގުންޑާސް އެކްޓް ތަންފީޒު ކުރަން އޭނާ މަސައްކަތް ކުރައްވަނީ ކީއްވެތޯވެސް ސުވާލު އުފައްދާފަ އެވެ. އަދި އެއީ ދައުވާއަކާ ނުލައި މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ފުރުސަތުދޭ ގާނޫނެއްކަން ފާހަގަކޮށް، ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އެ ގާނޫނު ބޭނުންކޮށްފާނެ ކަމުގެ ބިރު ފާޅުކޮށްފަ އެވެ.
އެ ފާޑު ކިޔުންތަކަށް އިޝާރާތް ކުރައްވާ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ އަދި ކޮމިއުނިސްޓް ޕާޓީގެ މެމްބަރެއް ކަމަށްވާ އެލަމަރަމް ކަރީމް ވަނީ ރައީސް ރާމް ނާތު ކޯވިންދަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. އަދި ކަޝްމީރަށް ގެނައި ބަދަލުތަކަށް ފަހު މޯދީގެ ސަރުކާރުގެ އަމާޒަކީ ލަކްޝަދީބު ކަމަށް ވިދާޅުވެ، ޕަޓޭލް މަގާމުން ދުރު ކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
"ކަޝްމީރަށް ފަހު މޯދީގެ ސަރުކާރުގެ އާ އަމާޒަކީ ލަކްޝަދީބު. އާ އެޑްމިނިސްޓްރޭޝަނުގެ ވެރިކަމުގައި ރައްޔިތުންނަށް ދަނީ އަނިޔާ ކުރަމުން. އެމީހުންގެ ސަގާފަތާއި އާދަކާދަ ނައްތާލުމަށް ހުރިހާ ކަމެއް ކުރަމުން،" ކަރީމް ވިދާޅުވި އެވެ.
އިންޑިއާއިން ވަނީ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް 2019އިގައި އުވާލާ، އެއީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހަދާފަ އެވެ. އޭގެ ސަބަބުން ކަޝްމީރަށް ވަނީ އެސަރަހައްދުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު ގެއްލިފަ އެވެ.