ރާއްޖޭގެ ވެރިކަން މި މަހުގެ ހަތް ވަނަ ދުވަހު ބަދަލުވެގެން ދިޔައީ އިންގިލާބަކުން ކަމަށް ބުނާ އެތައް ބަޔަކު ރާއްޖެއާއި ދުނިޔޭގައި ވެސް އެބަ ތިއްބެވެ. އަދި އެއީ އިންގިލާބެއް ނޫން ކަމަށް ދައުވާ ކުރާ މީހުން ވެސް މަދެއް ނޫނެވެ.

އޮސްޓްރޭލިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ދަ ސިޑްނީ މޯނިންގް ހެރަލްޑްގައި މިއަދު ލިޔެފައިވާ ހަބަރެއްގެ ސުރުހީގައި ވަނީ " ކޫ! ވަޓް ކޫ؟ ]ބަޣާވަތް؟ ކޮން ބަޣާވާތެއް؟[ ޓުއަރިސްޓްސް އިގްނޯ ޓާމޮއިލް އިން ދަ މޯލްޑިވްސް" މިހެންނެވެ.

"ދެކުނު އޭޝިޔާގެ އައު ޑިމޮކްރަސީ، ދިވެހިރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާ ގުޅިގެން އެ ގައުމުގެ ރިޒޯޓްތަކުގެ ގޮނޑުދޮށްތަކުގައި ، އަވީގައި ތިބި ޓޫރިސްޓުން އެމީހުންގެ އަތުގައިވާ ކޮކްޓެއިލް ތަށިތައް ވެސް ބަހައްޓާފައިނުވެ އެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ޓުއަރިޒަމަށް ކުރާނެ ކަމުގައި ވިޔަސްމެ އެވެ." ސިޑްނީ މޯނިންގ ހެރަލްޑްގައިވާ ލިއުމުގައިވެ އެވެ.


އެ ނޫހުގައިވާ ލިއުމުގައި ބުނެފައި ވަނީ ވެރިރަށް މާލޭގައި ފުލުހުން ސަރުކާރާ ދެކޮޅުވެ، ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިވާ ހާލަކަށް ދިޔަޔަސް މާލެ އިން ފުރައިގެން 10 މިނެޓުގެ ތެރޭގައި ދެވޭ ހިސާބުގައި މާލެއާ އެންމެ ކައިރީގައިވާ ވިހަމަނާފުށީގައި ހަދާފައިވާ ކުރުނބާ މޯލްޑިވްސް އަށް ދިއުމުން ވެސް މާލޭގައި ހިނގާ އެއްވެސް ކަމެއްގެ އަސަރެއް ޓޫރިސްޓުންނަށް ނުކުރާ ކަމަށެވެ.

އަދި އެމީހުން ރާއްޖެ އަށް އެތެރެވުމަށް އޮތް އެއާޕޯޓް ވެސް އޮތީ ވަކިން އޮތް އެހެން ރަށެއްގައި ކަމަށް ވާތީ އެ އެއާޕޯޓް ވެސް ރަނގަޅަށް ހިނގަމުން އަންނަ ކަމަށެވެ.

"އަހަރެމެން މިހޭދަކުރަނީ ވަރަށް އުފާވެރި ވަގުތުތަކެއް. އިންގިލާބުގެ ވާހަކަ އަހަރެމެން އަޑު އެހިން. އެކަމަކު އެކަމުގެ އަސަރު އަހަރެމެންނަށް އެއްވެސް ވަރަކަށް ނުކުރޭ،" ކުރުނބާގައި ޗުއްޓީ ހޭދަކުރަމުން އަންނަ އެމެރިކާގެ ލިޓްރެޗާ ޕްރޮފެސަރެއް ކަމަށްވާ ޖާޒީ ސޮބިއެރާޖް ވިދާޅުވިކަމަށް ރޮއިޓާސްއާ ހަވާލާދީ ނޫހުގައިވެ އެވެ.

ނޫހުގައިވާ ގޮތުގައި ސޮބިއެރާޖްއާ އެކު ކުރުނބާގައި ޗުއްޓީ ހޭދަކުރައްވާ އޭނާގެ އަނބިކަނބަލުންގެ ވިސްނުންފުޅު ވެސް ހުރީ އެގޮތަށެވެ.

"އެތަނުގައި ]މާލޭގައި[ ހަމަނުޖެހުންތައް ހިނގި ނަމަވެސް އެއާޕޯޓް ވެސް އޮތީ އެހެން ރަށެއްގައި. އެހެންވީމާ ]އެއާޕޯޓްގައި[ ހަމަނުޖެހުމެއް ނެތް، " ސޮބިއެރާޖް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ސިޑްނީ މޯނިން ހެރަލްޑްގައި ވަނީ ވެރިކަން ބަދަލުކޮލާފައި ވަނީ ވިޔަފާރިވެރިން ގުޅިގެން އެމީހުން ހަރަދުކޮށްގެން ކަމަށް ކުރީގެ ރައީސް ނަޝީދު ތުހުމަތު ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ކީއްވެތޯ ސުވާލު ދެންނެވުމުން ރައީސް ނަޝީދު މާ ބޮޑު ތަފުސީލެއް ނުދެއްވާ ކަމަށެވެ.

"އެއީ އެމީހުން ގަޔާވަނީ އިހުގެ ކޮރަޕްޓް ގޮތްތަކަށް ކަމަށް ވާތީ،" ވެރިކަން ބަދަލުކުރުމަށް ހަރަދުކުރީ ވިޔަފާރިވެރިން ކަމަށް ވިދާޅުވާ ސަބަބާ މެދު ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ސިޔާސީ ހަމަނުޖެހުންތަކުގެ ހަބަރުތައް ދުނިޔޭގެ މީޑިޔާތަކުގައި ފެތުރެމުން ދާތީ ޗުއްޓީ ހޭދަކުރަން ރާއްޖޭގެ ރިޒޯޓްތަކަށް އަންނަން ބުކްކޮށްފައިވާ އެތައް ބަޔަކު ބުކިން ކެންސަލްކުރަމުންދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި އިބުރާހީމް ނަމަކަށް ކިޔާ ބޭފުޅަކު ވިދާޅުވި ކަމަށް ވެސް އެނޫހުގައި ވެ އެވެ.

"ކުރިއަށް އޮތް ތާނގައި ކެންސަލް ކުރުން އިތުރުވެގެންދާނެ ކަމުގެ ކަންބޮޑުވުން ޓުއަ އޮޕަރޭޓަރުންނަށް އެބަތޮތް،" ސިބުރާހީމް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އޭނާ ވިދާޅުވި ކަމަށް އަދި ވަނީ "ހަމަނުޖެހުންތައް ހިނގަނީ މާލޭގައި ކަމާއި ރިޒޯޓްތަކުގައި އެފަދަ ކަމެއް ނެތްކަން މީހުންނަށް އޮޅުން ފިލުވައި ދެވޭނެ ކަންތައްތަކެއް ނޫން" ކަމަށެވެ.

ބައިނަލްއަގުވާމީ މީޑިޔާތަކަށް ޓޫރިސްޓުން ދީފައިވާ މައުލޫމާތުތަކުން ޔަގީންވާ ކަމަކީ ރާއްޖޭގައި މިހާރު ތިބި ޓޫރިސްޓުން އެމީހުންގެ ސަލާމަތާ މެދު އެއްވެސް ސުވާލެއް ނުކުރާ ކަމެވެ. "އިންގިލާބެއް؟ ކޮން އިންގިލާބެ؟" އެމީހުން އަހާލަނީ މިހެންނެވެ.