25 May 2021, 15:51
މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ބޭނުން ކުރާނެ ހުއްދައަށް މިހާރު އެދިފައި ތިބި ފަރާތްތަކަށް މާދަމާ ހެނދުނު 8:00ގެ ކުރިން ހުއްދަ ދޫކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މާދަމާއިން ފެށިގެން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައަކާއެކު އެވެ. "ހައުސްހޯލްޑް" ޕާމިޓުގެ ގޮތުގައި ދޫކުރާ މި ހުއްދަ ކޮންމެ ގެއަކުން ދެ މީހަކަށް ދޫކުރާއިރު ހުއްދައަށް އެދެންޖެހެނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ. އަދި ހުއްދައަށް އެދޭއިރު ގޭގެ ކަރަންޓު މީޓަރު ނަންބަރު ޖަހަން ޖެހެ އެވެ.
ފުލުހުން ބުނީ ހައުސްހޯލްޑު ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ފަރާތްތަކެއްގެ ފާސްތައް، މާދަމާ ހެނދުނު އަށެއްގެ ކުރިން އެ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
ފާސް ހޯދަން އެދޭއިރު ކަރަންޓު މީޓަރު ނަންބަރު ޖަހަން ފުލުހުން ހަނދާންކޮށްދެ އެވެ. ބައެއް ފަރާތްތަކުން ހުއްދަ އަށް އެދޭއިރު ފެން މީޓަރު ނަންބަރު ޖަހާފައި ހުންނަ ކަމަށާއި އެގޮތަށް ހުންނަ ރިކުއެސްޓުތައް ރިޖެކްޓު ކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
މާދަމާ އިން ފެށިގެން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެ އުޅުމަށް ހާއްސަ ހުއްދަ އެއް ދޫކުރާއިރު، އެ ހުއްދައިގެ ދަށުން ހުުޅުމާލެ އިން މާލެ އަށް، މާލެއިން ހުޅުމާލެ އަށް ނުދެވޭނެ އެވެ.