25 May 2021, 15:02
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ގާއިމުކުރަން، އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި އެވެ.
އެ ނިންމުން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުން ޗެއާ ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
ކެބިނެޓް ނިންމުމުގައި ބުނެފައި ވަނީ ރާއްޖެއަކީ، އިންޑިއާ އިން ގެންގުޅޭ "ނައިބަހުޑް ފަސްޓް ޕޮލިސީ" އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުންނާއި ބަހަވީ ގޮތުން އެއްގޮތްކަމެއް ހުރި ދެ ގައުމު ކަަމަށާއި އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމުކަން ފާހަގަކޮށްފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގޮސްފައިވާކަން ފާހަގަކުރަމުން އިންޑިއާ އިން ބުނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.
ހަމައެއާއެކު އިންޑިއާގެ މިޝަން އެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ "ސަބްކާ ސާތް ސަބްކާ ވިކާސް" ނުވަތަ އިންޑިއާ އިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ޑިޕްލޮމެޓިކް ޕްެރެސެންސް އިތުރުކުރުމަކީ އިންޑިއާގެ ކުންފުނިތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. އެގޮތުން އެ ގައުމުގެ ކުންފުނިތަކުގެ އުފެއްދުންތައް އެކްސްޕޯޓުކޮށް، މާކެޓު ކުރުމަށް މިއާއެކު އިތުރު ފަސޭހައެއް ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައި ވެއެވެ.
މިއީ "އާތްމާ ނިބަރް ބާރަތް" ނުވަތަ ސެލްސް ސަފިޝަންޓް އިންޑިއާ އަކަށް ވުމަށް ކުރާ މަސައްކަތާ ވެސް ސީދާ ގުޅުން ހުރި ކަމެއް ކަމަށާއި އެ ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމާ ވެސް ގުޅުން ހުރި ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، މިއީ އިންޑިއާގެ ނިންމުމެއް ކަމަށާއި އެކަމަށް ކޮމެންޓް ނުކުރާނެ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ވިއެނާ ކޮންވެންޝަނާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކުރަން ލިބޭ ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.