25 May 2021, 16:29
ކޮވިޑް19 ފެތުރިފައިވާ އައްޑޫ ސިޓީގެ ކައުންސިލްގެ އިދާރާ ބަންދުކޮށްފައި ވީނަމަވެސް، އޮންލައިންކޮށް ރައްޔިތުންނަށް ދެވެން ހުރި ޚހިދުމަތްތައް ފާހަގަކޮށް، އެ ހިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީގައި ކޮވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، ސިޓީ ކައުންސިލްގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލީ މި މަހުގެ 22 ވަނަ ދުވަހު އެވެ.
އައްޑޫ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑްގެ ސަބަބުން ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުން އާންމުންނަށް ދެމުންގެންދާ ބައެއް ހިދުމަތައްތައް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިވަގުތު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުން އޮންލައިންކޮށް ރައްޔިތުންނަށް ދެވެން ހުރި ހިދުމަތްތައް ފާހަގަކޮށް، އެ ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުންނާއި އަވަށު އޮފީސްތަކުން އޮންލައިންކޮށް ލިބޭނެ ހިދުމަތްތައް ވަނީ އާންމުކޮށްފަ އެވެ. އެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ބަލައިލެވޭނެ އެވެ.
ކައުންސިލުން ބުނީ، އިތުރުން ކައުންސިލްގެ އިދާރާއިން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންގެންދާނެ ކަމަށެވެ.
އިއްޔެ ޕޮޒިޓިވްވި 17 މީހުންނާއެކު، އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވް 176 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ފަސް މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.