25 May 2021, 13:13
ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވީ، ބޮޑު ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވުމާ ގުޅިގެން އޮޑިޓާ ޖެނެރަލް ކަމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ، އެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖޫން 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
މުސްލިމަކު ކަމުގައިވުން.
- ދިވެހި ރައްޔިތަކު ކަމުގައިވުން.
- ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން.
- އުމުރުން 35 އަހަރު ވެފައިވުމާއެކު، 65 އަހަރު ވެފައިނުވާ މީހަކު ކަމުގައިވުން.
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން، އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
އޭގެ އިތުރުން، އެމީހަކީ އޮޑިޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލުކަން ހުރި މީހަކު ކަމުގައިވާން ޖެހޭނެ އެވެ. އެގޮތުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމަށް ވާން ޖެހޭނެ އެވެ.
އަދި ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.