ކުޅުނު އެއްވެސް މެޗަކަން ބަލިނުވެ، ވީއޭއެމްގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ނައިފަރު ޖުވެނައިލް އާއި ބައްދަލުކޮށް ޕޮލިހުން ޗެމްޕިއަންކަން ހޯދީ ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަަކަށް ހޮވުނީ ޕޮލިސް ޓީމުގެ މަރިޔަމް ޝީނީޒް އެވެ.

މެޗްގެ ފުރަތަމަ ސެޓް ޕޮލިހުން ކާމިޔާބުކުރީ 25-22 އިންނެވެ. އަދި ދެ ވަނަ ސެޓް 25-20 އިން ކާމިޔާބު ކުރި އިރު ފަހު ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-16 އިންނެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ތައްޓާއި ހަދާނީ ލިޔުން ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމީޓީގެ އޮނަރަރީ ޕްރެޒިޑެންޓް ޒާހިރު ނަސީރެވެ.

ޖުމްލަ ފަސްޓީމް ވާދަކުރި މިމުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ކުލަބް ޕީކޭގެ ހައްވާ ސަހާ އާއި، އާމިނަތު އިބްރާހިމްގެ އިތުރުން ކުލަބް ވިޗެންޒާގެ އާމިނަތު ސާނާ އާއި ފާތުމަތު ރާނިއާ، ޕޮލިސް ކުލަބްގެ މަރިޔަމް އަޒީފާ އަދި ޖުވެނައިލްގެ އައިޝަތު މާޖިދެވެ.

މުބާރާތުގެ އެންމެ މޮޅު ސާވާއަކަށް ހޮވުނީ ޕޮލިސް ކުލަބްގެ ކެޕްޓަން އާގިލާ ހަމީދެވެ. އަދި ބެސްޓު ސެޓަރަކަށް ޕޮލިސް ކުލަބްގެ ސުހާނާ އަހުމަދު ހޮވުނުއިރު، ބެސްޓު ލިބަރޯއަކަށް ހޮވުނީ ޕޮލިސް ކުލަބްގެ މުއީނާ ހަސަންއެވެ. މުބާރާތުގެ ފެއާ ޕުލޭ ކުޅުންތެރިއަކަށް ޖުވެނައިލްގެ އައިސަތު ފަޒީލާ ހޮވުނުއިރު، މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ސުހާނާ އަހުމަދެވެ.

މުބާރާތުގެ ފެއާ ޕްލޭޓީމަކަށް ހޮވުނީ، ރަނަރަޕް ޖުވެނައިލްގެ ޓީމެވެ. އަދި ތިން ވަނަ ޓީމަށް ހޮވުނީ ކުލަބް ޕީކޭ އެވެ.

މުބާރާތުގައި ވާދަކުރި ފަސް ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލަބް، އަމިކާ ސްޕޯޓްސް ކުލަބް، ކުލަބް ވިޗެންޒާ، ޖުވެންލައިން ސްޕޯޓްސް ކުލަބު އަދި ކުލަބް ޕީކޭ އެވެ.