25 May 2021, 10:48
ކޮވިޑު ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އިން ބޯފެން ހުސްވެފައި ނުވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ތިބި ބަލިމީހުން ބޯނެ ފެން އެތަނުގައި ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީގެ ދެ ރޭ ކުރިން ވަނީ ވާހަކަ ދެކެވިފަ އެވެ. އަދި އަމިއްލަ ފަރާތަކުން ވަނީ އެތަނަށް ބޯފެން ހަދިޔާވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެޗްއެމްއެފް އަކީ އެ ހޮސްޕިޓަލާ ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން ހިންގާ ތަނެއް ކަމަށެވެ. އަދި އެޗްއެމްއެފްގައި ތިބޭ ބަލި މީހުންނަށް ކެއިން ބުއިމުގެ ހިދުމަތް ދެނީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ކަމަށާއި ކެއުން އޮންނަ ހުރިހާ ވަގުތަކުއާއި އެނޫންވެސް ވަގުތު ތަކުގައި އެތަނުން މިނަލަރް ވޯޓާ ލިބެން ހުންނާނެ ކަމަށެވެ. އަދި ބަލިމީހުންގެ އާއިލާތަކުންވެސް މިނަރަލް ވޯޓާ ފޮނުވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ހެޕީ މާކެޓްގެ ފަރާތުން އެޗްއެމްއެފް އަށް ބޯފެން ހަދިޔާކޮށްފައިވާ ކަމަށާއި އެ ފެން އެ ފެސިލިޓީ އަށް ބަލައިގެންފައިވާ ކަމަށެވެ. އެ ފެނަކީ ފެސިލިޓީ އިން މިނަރަލް ވޯޓަ ހުސްވެ، ފެނަށް ޖެހުމުން ހަދިޔާކުރި އެއްެޗެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެފަދަ ފެސިލިޓީ އަކުން ބޯފެން ފަދަ އެއްޗެއް ހުސްނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އެޗްއެމްއެފްގައި ކޮވިޑަށް ފަރުވާ ހޯދާ ގިނަ އަދަދެއްގެ ބަލިމީހުން އެޑްމިޓްކޮށްފައި އެބަތިއްބެވެ.