25 May 2021, 12:07
ޖުލައި މަހު ޖަޕާންގެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް ގޭމްސްގެ ކުރިން އެގައުމުގެ މުސްކުޅި ފުރާ ހުރިހާ އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފި އެވެ.
މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ގޭމްސް، ކޮވިޑް-19ގެ ސަބަބުން މިއަހަރަށް ރީޝެޑިއުލް ކޮށްފައި ވަނީ، ޖުލައި 23 އިން އޯގަސްޓް 8 ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށެވެ. އޮލިމްޕިކް ބާއްވަން ނިންމާފައިވީ ނަމަވެސް ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ބިރު ބޮޑުވެ ޖަޕާނުގައި މި މަހުގެ ނިޔަލަށް އޮތީ ބޮޑެތި ސިޓީތައް ލޮކްޑައުންކޮށްފަ އެވެ. އެކަމަކު ގޭމްސްގެ ކުރިން ކޮވިޑްގެ ނުރައްކާ ކުޑަކޮށް ގޭމްސްއަށް ހުރަސް ނޭޅޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށް ޖަޕާނުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެގޮތުން ގޭމްސްގެ ކުރިން ޖަޕާނުގެ ހައިރިސްކް އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާ އިރު، ކެޕިޓަލް ޓޯކްޔާއާއި އޮސާކާ ގެ އިތުރުން ބޮޑެތި އެހެން ސިޓީތަކުގައި ވެސް ވެކްސިން ދިނުމަށް ގިނަ ސެންޓަރުތަކެއްގައި މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން އަމާޒަކީ ޓޯކްޔާގައި ދުވާލަކު 10،000 އަދި ދެން ހުރި ސިޓީތަކުގައި ދުވާލަކު 5،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ޖަޕާނުގެ ސިއްހީ އިދާރާއިން ވަނީ ބުނެފަ އެވެ.
ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އޮލިމްޕިކް ގޭމްސްއަށް ގައުމުތަކުން ވެސް ތައްޔާރީތައް ވާން ފަށާފައިވާ އިރު، މިފަހަކުން ކޮވިޑްގެ ނުރައްކާ ބޮޑުވެގެން ޖަޕާނުގެ ޑޮކްޓަރުންނާއި، ސިއްހީ ހިދުމަތްތެރިން ވަނީ މިދަނޑިވަޅުގައި އެކަން ނުކުރުމަށް އެދި އެގައުމުގެ ސަރުކާރަށް އެދިފަ އެވެ. އެހެން ނަމަވެސް ގޭމްސް ނުބާއްވައިފި ނަމަ ގައުމަށް މާލީ ގޮތުން ލިބޭނެ ގެއްލުމަށް ބަލައި ގޭމްސް ބާއްވާނެ ކަމަށް ޖަޕާނުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ޖަޕާނުގައި މިހާތަނަށް ކޮވިޑް ޖެހިގެން 12،265 މީހުން މަރުވެފައިވާ އިރު 125 މިލިއަން މީހުންގެ އާބާދީއަކުން އެގައުމުގައި ވެކްސިން ދީފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށެވެ.