ކޮވިޑް19 އިން ރައްކައުތެރިވުމަށް މޮނިޓަރިންގެ ހާލަތަށް ގެންދާ ރަށްރަށުގައި މާދަމާއިން ފެށިގެން ކާފިއު ހިންގައި އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ބުނެފައި ވަނީ މާދަމަ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، މޮނިޓަރިންގެ ހާލަތަށް ގެންދެވޭ ރަށްރަށުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން މޮނިޓަރިން އަށް ގެންދާ ރަށްރަށުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި އެ ފިޔަވަޅު އަޅާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށް އެންގުމުގައިވެ އެވެ.

ހަމައެއާ އެކު، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުތުން މަނާކޮށް، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ.

މާދަމާ އިން ފެށިގެން، މޮނިޓަރިންގ ހާލަތުގައިވާ ރަށްތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން މަނާވާނެ އެވެ. އަދި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ.

ފިހާރަތަކުން ހިދުމަތް ދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރަށް، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހުއްޓައިލުމަށް ވަނީ އަންގައިފަ އެވެ.

މޮނިޓަރިން އަށް ގެންދާ ރަށްތަކުގައި ފިޔަވަޅުތައް ވަރުގަދަކުރަން ނިންމި އިރު، މިހާރު ވެސް މީހުން ދިރިއުޅޭ 72 ރަށް އޮތީ ބަންދުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ވެސް މާދަމާ އިން ފެށިގެން ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން މާދަމަ އިން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުނަކަށް ދާނެ އެވެ. ކާފިއު ވަގުތުގައި ބޭރުގައި އުޅުން މަނާކޮށްފައި ވާއިރު، އެނޫން ގަޑިތަކުގައި ބޭރަށް ދެވޭނީ ހުއްދަ އެއް ލިބިގެންނެވެ.