25 May 2021, 08:51
އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަ ވެއްޖެ އެވެ.
މުހައްމަދު ނޫރައްދީން އަވަހާރަވީ ކޮވިޑް19 އަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު އެވެ.
ރަސްކަލުން އައްސުލްތަން ހަސަން ނޫރައްދީނުގެ ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ހުންނެވި މުހައްމަދު ނޫރައްދީން މިއަދު އަވަހާރަވީ އިރު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެމަނިކުފާނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ވެސް މަސްތަކެއް ވެއްޖެ އެވެ.
އެ މަނިކުފާން އަވަހާރަވީ، އަނބިކަނބަލުން ފާތުމަތު ނާސިރާ އަވަހާރަވިތާ، މަސް ދުވަސް ނުވަނީހެވެ. ފާތުމަތު ނާސިރާ އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، މިދިޔަ މަހު 27ގަ އެވެ.
މ. ތާނގީދޮށުގެ މުހައްދަމު ނޫރައްދީނަކީ ބައި ގަރުނަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މުހައްމަދު ނޫރައްދީން ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 25 ޖުލައި 1954 ގަ އެވެ. ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ހިދުމަތް ފެއްޓެވި އިރު ސަރުކާރުގެ އެކި މަގަމުތައް ފުރުއްވި އެވެ. ފަންސަވީސް މަގާމެއް އަދާކުރެއްވި ކަމަށް ފެންނަން އެބައޮތެވެ.
އޭގެތެރޭގައި، ވުޒާރަތުލް އަޥްގާފުގެ ސެކްރެޓަރީ ކަމާއި، މަހްކަމަތުލް ހާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި މުނިސިޕަލް ކައުންސިލަށް ދާހިލިއްޔާއިން އައްޔަންކުރި މެންބަރުކަން ހިމެނެ އެވެ.
މީގެ އިތުރުން ވަޒީރުލް އައުޒަމް އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ހިމެނެ އެވެ.
އޭގެފަހުން މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި ޑެޕިއުޓީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް އެމަނިކުފާނު ފުރުއްވި އެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުގައި ވެސް ހުންނެވި އެވެ.
މުހައްމަދު ނޫރައްދީނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިފަ އެވެ.
ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ.
މީގެ އިތުރުން ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން 2011 ވަނަ އަަހަރު ލިބިވަޑައިގަތެވެ.