25 May 2021, 04:46
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ދައުވާތައް ބާތިލް ކަމަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
އިސްމާއީލް ރަޝީދު ގާޒީ ކަމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފަ އެވެ. އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވީ އޭނާ ގާޒީ ކަމުން ވަކިކޮށްދިނުމަށް އެދި އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.
ޖޭއެސްސީން ބުނީ އަދީބުގެ ހަތް މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އެ މައްސަލައިގެ ހުކުމް ލިޔެފައިވާ ކަމުގެ ހެކި ތަހުގީގަށް ހޯދުނު ޕެންޑްރައިވަކުން ފެނިފައިވާ ކަމަށެވެ.
އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވީ މިނިވަންކަމާއި އިންސާފުގެ މަގުން ފަނޑިޔާރުކަން ކުރެވޭނެ މާހައުލެއް، ގާއިމްވެފައި ނެތް ކަމަށް ވިދާޅުވެ އެވެ.
އޭނާ ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވަނީ ހިރާއްޖޭގެ މުޅި ފަނޑިޔާރުގެ ވަނީ ސިޔާސީ ފަރާތެއްގެ ވަކިތަކުގެ ދަށުގައި ތާށިވެފައި ކަމަށެވެ.
އިސްމާއިލް ރަޝީދު ވިދާޅުވީ ފަނޑިޔާރުކަމުގެ މަގާމުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް އަމަލުކޮށްފައިވާނީ ގާނޫނު އަސާސީ އާއި އެންމެހައި ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމާއި އެކުގައި ކަމަށެވެ. އަދި އެއްވެސް މީހަކަށް ގާނޫނުން ބޭރުން ނުހައްގު ފައިދާއެއް ލިބޭނެހެން ނުވަތަ ނާއިންސާފުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.