ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 66 އަހަރުގެ ފިރިހެނެއް މިރޭ ދަންވަރުގެ ވަގުތެއްގައި ވަނީ މަރުވެފަ އެވެ. މިއާ އެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 143 އަށް ވަނީ އަރާފަ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ގިނަ އަދަދެއްގެ ބަޔަކަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ.

މި މަހުގެ މިހާތަނަށް 65 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި މަރުވެފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ދެ ހަފްތާވީއިރުވެސް އެއްވެސް ނަތީޖާއެއް ނުފެންނާތީ އަނެއްކާވެސް ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފަ އެވެ.

އެގޮތުން ފުލުހުންގެ ފަރާތުން ދޭ ޚާއްސަ ފާހެއް ލިބިގެން ނޫނީ ގެއިން ބޭރަށް ނުތުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.