ފުލުހުން ހައްޔަރުކޮށްފައި ހުރި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ( މޯޑް )ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މުޙައްމަދު ރަޝީދު ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިއަ ބުދަ ދުވަހާއި އެރޭ އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުންދިން މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އަހްމަދު ޝިޔާމް ވިދާޅުވީ ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގުތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ފުލުހުން މުހައްމަދު ރަޝީދު ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ގޭގެ ބަންދަށް ދޫކޮށްލާފައިވާ ކަމަށެވެ.


މުހައްމަދު ރަޝީދު ހައްޔަރުކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ގޮވައިލައިފަ އެވެ. އަދި ރޭ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ރައްޔިތުން މަޖިލީހުގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތު މުހައްމަދު ރަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑިޕީން ވަނީ މަޖިލީސް ދޮށުގައި މުޒާހަރާކޮށްފަ އެވެ.